އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމާއި، ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ ޤައުމުގެ އެޓަރނީ ޖެނެރަލް(އޭޖީ) ގަލީ ބަހަރަވް-މިއާރާ ވަކިކުރުމަށް އިސްރާއީލްގެ ކެބިނެޓުން ވޯޓުނަގައި ފާސްކުރުމުން އޭޖީ ވަކިކުރުން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

އިސްރާއީލްގެ ކެބިނެޓުގެ އަޣުލަބިއްޔަތުން އޭޖީ ވަކިކުރަން ނިންމި ނަމަވެސް އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ މި ނިންމުމުގެ ގާނޫނީ ހައިސިއްޔަތު ބެލުމަށްޓަކައި ވަގުތީ އަމުރެއް ނެރެފައެވެ. މި އަމުރު ނެރެމުން ފަނޑިޔާރު ނޯމް ސޯލްބަރގް ވިދާޅުވީ މި މައްސަލަ ސެޕްޓެމްބަރ 4 ގެ ކުރިން ނިންމަންވާނެ ކަމަށާއި، އެހާތަނަށް ސަރުކާރުން އެޓަރނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާއާއެކު މަސައްކަތްކުރަންވާނެ ކަމަށެވެ.

Ad
rt

އޭނާ ވަކިކުރުމަށް ކެބިނެޓުން އަޣުލަބިއްޔަތުން ނިންމީ، ސަރުކާރާއި އޭނާއާ ދެމެދު "މުހިންމު އަދި ދިގު މުއްދަތެއްގެ ޚިޔާލު ތަފާތުވުންތަކެއް" ހުރި ކަމަށް ބުނެއެވެ.

އެޓަރނީ ޖެނެރަލްގެ ބެލުމުގެ ދަށުން ހިނގަމުންދާ ދައުލަތުގެ ޕްރޮސެކިއުޓަރުން ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުންދާތީ، މަސްލަހަތުފުށުއަރާކަމެއްކަމަށްބުނެ ނަތަންޔާހޫ މި ވޯޓުގައި ބައިވެރިއެއްނުވެއެވެ.

އިސްރާއީލްގެ އޭޖީ ކަމަށް ބަހަރަވް މިއާރާ އައްޔަންކޮށްފައި ވަނީ 2022 ގައި އޭރުގެ ޖަސްޓިސް މިނިސްޓަރު ގިޑިއަން ސައާރުގެ ފަރާތުންނެވެ. މިހާރު އޭނާ ހުރީ ނެތަންޔާހޫގެ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ވަނީ ބަހަރަވް މިއާރާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓުވާކަމަށް ބުނެފައެވެ.

އޭޖީ ވަކިކުރުމަށް ކެބިނެޓްގައި ވޯޓި ނެގުމަށްފަހު ޖަސްޓިސް މިނިސްޓަރ ޔަރިވް ލެވިން ކެބިނެޓުގެ ނިންމުން އިޢުލާންކޮށް، ބަހަރަވް-މިއާރާއަށް ސިޓީއެއް ފޮނުވައި ބުނެފައިވަނީ އޭޖީ ބަހަރަވް މިއާރާ އަށް އިތުބާރު ނުކުރެވޭކަމަށެވެ. އަދި އޭނާ އަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ސަރުކާރެއްގެ މަޤާމުގައި ހުރުމަށް މަސައްކަތް ނުކުރުމަށް ސިޓީގައި އެދިފަވެއެވެ.

ނަމަވެސް އިދިކޮޅު ޕާޓީ ޔެޝް އަތިދް އަދި އެކްޓިވިސްޓް ގްރޫޕްތަކުން ވަނީ މި ނިންމުމާއި ވަގުތުން ދެކޮޅުހަދައި އިސްރާއީލުގެ ކޯޓަށް އަވަސް ޕެޓިޝަންތަކެއް ހުށަހަޅައި، ވަކިކުރުން ހުއްޓުވުމަށް އެދިފައެވެ.

އެޓަރނީ ޖެނެރަލް އަށް ނަތަންޔާހޫގެ ސަރުކާރުން ފާޑުކިޔަމުންދާ އެއް ސަބަބަކީ އަލްޓްރާ އޯތޮޑޮކްސް ޔަހޫދީ ފިރިހެނުން އަސްކަރިއްޔާގައި ޚިދުމަތްކުރުމުން އިސްތިސްނާވެފައިވާ އެތައް އަހަރެއްގެ އުސޫލު ނިމުމަކަށް ގެނައުމަށް ކޯޓުން ނިންމި ނިންމުމަށް ތަބާވުމަށް ބާރުއެޅުމުންނެވެ. މިކަމުގެ ސަބަބުން ނަތަންޔާހޫއާއި އޭނާގެ ކޯލިޝަން ޕާޓްނަރުންނާ ދެމެދު އޮންނަ ގުޅުމުގައި ވަނީ 'ރެނދު' ލައިފައެވެ.

އޭޖީ އާއި މެދު ނަތަންޔާހޫގެ ސަރުކާރުން ނުރުހުން ވެފައި ވަނީ، ނަތަންޔާހޫގެ ބައެއް ނިންމުންތަކުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދައި، ނަތަންޔާހޫއާއި އޭނާގެ ގާތް އެހީތެރިން ގަތަރާއެކު ގާނޫނާ ޚިލާފު ގުޅުންތަކެއް ބާއްވާފައި، ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ތަހުގީގުކުރަމުންދާތީ އާއި އެންމެ ފަހުން މެއި މަހު ޝިން ބެޓް ސެކިއުރިޓީ އޭޖެންސީގެ އިސްވެރިޔާ ރޯނެން ބާރު ވަކިކުރަން އުޅުން ހިމެނެއެވެ. އަދި ފަހުން ވަނީ އައު އިސްވެރިއަކު ޢައްޔަނުކުރުން ސެޕްޓެމްބަރު މެދަށް ލަސްކުރުމަށް އެއްބަސްވެފައެވެ.

ނަތަންޔާހޫ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި އޭޖީ ވަކިކުރުމަށް ނަތަންޔާހޫގެ ސަރުކާރުން މަސައްކަތްކުރަނީ އިޖުރާއީ ބާރުތައް އިތުރަށް އެގްޒެކެޓިވް ބްރާންޗަށް ބަދަލުކުރުމުގެ ފުޅާ މަސައްކަތުގެ ތެރެއިންނެވެ.

އޭޖީ ގަލީ ބަހަރަވް-މިއާރާ ވަނީ ޔަތަންޔާހޫގެ މައްޗަށް ރިޝްވަތު، ފްރޯޑް އަދި އިތުބާރު ގެއްލުވާލުމުގެ ކޮރަޕްޝަން މައްސަލައެއްގައި ދަޢުވާ އުފުލާފައެވެ. އެއީ ނަތަންޔާހޫ އާއި އޭނާގެ ގާތް އެހީތެރިންނަށް ޤަތަރުން ޣައިރު ޤާނޫނީ ފައިސާ ދިނުމުގެ މައްސަލައެކެވެ. މި މައްސަލަ އިސްރާއީލުގެ ނޫސްތަކުގައި "ޤަތަރުގޭޓް" ގެ ނަމުން މަޝްހޫރުވެފައިވެއެވެ. އެހެންވެ އޭޖީ މަގާމުން ވަކިކުރަން ކެބިނެޓުން ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ވަނީ ބަލާފައެވެ.