ށ. ކަނޑިތީމު ކައުންސިލުން އެ ރަށުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 90 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން ބުނެފައިވަނީ، މި 90 ގޯއްޗަށް އެދި ހުށަހެޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1 ޖަހަންދެން ކަމަށެވެ.

Ad
rt

އެގޮތުން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ށ. ކަނޑިތީމު ކައުންސިލް އިދާރާއިން ކަމަށާއި، މެއިލްގެ ޒަރިއްޔާއިން ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުރިހާ ޑޮކިއުމެންޓް އެއްކޮށް ޕީޑިއެފް ކުރުމަށް ފަހު މެއިލް ގައި ސަބްޖެކްޓްގައި ގޯއްޗަށް އެދޭ މީހާގެ ނަމާއި އައިޑީކާޑު ޖެހުމަށްފަހު info@kanditheemu.gov.mv އަށް މެއިލް ކުރުމަށް ކަނޑިތީމު ކައުންސިލުން ބުނެފައިވެއެވެ.

ކަނޑިތީމުން ދޫކުރާ ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައި ވުމާއި، އުމުރުން 18 އަހަރުފުރި، ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ހިމެނެއެވެ. އަަދިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނުވާ މީހަކަށް ވާންޖެހެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވާ މީހަކަށް ވުން ކަހަލަ ޝަރުތުތައް ހިމެނެއެވެ.

ކަނޑިތީމު ކައުންސިލުން ވަނީ މިކަމަށް ކުރި އިއުލާނާއި އެކު ގޯތި ދޫކުރުމަށްް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓާއި، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުގެ އިތުރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ވެސް ހިއްސާކޮށްފައެވެ.