ކެނދިކުޅުދޫ މެންގްރޫވް އައިލޭންޑް ކޮންސެޕްޓަށް އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނާވަޑައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ސަރުކާރުން އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ކެނދިކުޅުދޫ ގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވުމުން، މުވައްޒަފުން އިިތުރުކޮށް އިތުރު އެމްބިއުލާންސެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ހަލާކުވެފައިވާ ފުޓްސަލް ދަނޑުވެސް މިއަހަރު އަލުން ހަދައި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ކެނދިކުޅުދޫގައި އިއްުޔެ ފެށި އާރް.ޓީ.އެލް. ސްކޫލް ބަހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، ފްލީޓަށް އިތުރު ބަސް ގެނެސް ޚިދުމަތް އިތުރަށް ތަރައްޤީކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ނ. ކެނދިކުޅުދޫ ނޭޗަރ ޕާކްގެ ވިޒިޓަރ ސެންޓަރުގެ ބިންގާ އިއްުޔެ ވަނީ އަޅާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!