މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފަށައި، މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރަން ކަނޑައަޅާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، މަގުހެދުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަޢުދެއްކަމަށާއި، މުޅި ރާއްޖޭގައި، މާފަރު ހިމެނޭގޮތަށް މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު ފެށިގެންގޮސް މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރާނެކަމަށެވެ.

ޞިއްޙީ ދާއިރާގެ މަޝްރޫޢަށް ބަދަލު ގެނެވޭނެމާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ ޞިއްޙީ ދާއިރައަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މާފަރުގެ ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ އެގްރިމެންޓުގައި ރޭ ސޮއިކުރެވިފައިވާކަމަށް ވިދާޅުވަމުން، އެ އެގްރިމެންޓުގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމުގެ މަޢުލޫމާތު މިއަދު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި ހަފްތާ ނިމުމުގެ ކުރީގައި، ރައްޔިތުން ބޭނުންވާ ސްކޯޕުގައި، ނުވަތަ ބޭނުންވާގޮތަށް މަޝްރޫޢު ބަދަލުކޮށް، މަދުވެގެން އިތުރު 15 އެނދު ހިމެނޭގޮތަށް ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި އެގްރިމެންޓް އަލުން ހަދައި، ސޮއިކޮށްގެން މަސައްކަތް ފެށޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަޢުލޫމާތުގެ ކޮންމެވެސް ކުށެއް އުޅޭތީ ރޭ އެގޮތަށް ސޮއިކުރެވިފައިވާކަމަށް ހީވާކަމަށާއި، އެކަން ބުރާސްފަތި ދުވަހާ ހަމައަށް ރަނގަޅުކުރައްވާނެކަމަށް ވިދާޅުވިއެވެ. މިކަމާބެހޭ ވަޒީރުންނަށް އެކަން ދަންނަވާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާފަރުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމާއި، ރަށުގެ ކުރިއެރުމަށް ބޮޑު ޕޮޓެންޝަލްއެއް އޮތުމާއެކު، ހުރިހާ ޚިދުމަތެއް ލިބޭނެ ފެންވަރުގެ ޞިއްޙީ މަރުކަޒެއް މާފަރުގައި ޤާއިމުކުރެވޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާތަޢުލީމީ ދާއިރާއަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މިހާރު ނިމުމަކާ ގާތްވެފައިވާ މަޝްރޫޢުގެ ތެރެއިން، މާގިނަ ބަދަލުތަކެއް ނުގެނެސް، ހަތަރު ކްލާސްރޫމް އިތުރުކުރުމުގެ ކަންތައްވެސް ހަމަޖައްސަވައިދޭނެކަމަށެވެ. އެޑިޔުކޭޝަން މިނިސްޓަރުވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ފުޓްސަލް ދަނޑެއްގެ މަސައްކަތް ނުކުރެވި ހުރިކަމަށާއި، އޭގައި ޕޭމަންޓް ޑިލޭތަކެއް އައިސްފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ހަމަޖެހި، ޒުވާނުންނަށް ފުޓްސަލް ދަނޑުގެ މަސައްކަތް އަދި ދެންވެސް ހުރި ކުޅިވަރު ވަސީލަތްތައް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ. މާފަރަށް ވެފައިވާ ވަޢުދާ އެއްގޮތަށް ފުޓްބޯޅަ ދަނޑަށް ގެންނަންޖެހޭ ތަރައްޤީއާއެކު، ކުޅިވަރުގެ ދާއިރާއަށްވެސް ހުރިހާ ކަމެއް އަވަހަށް ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މާފަރު އެއަރޕޯޓުގެ ތަރައްޤީއާއި ބޯހިޔާވަހިކަންމާފަރު އެއަރޕޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާ އެކީގައި އެއަރޕޯޓު ހުޅުވިފައިވީ ނަމަވެސް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބޭނުންވާ ގިނަ އެހެން ކަންކަން އަދިވެސް ހުރިކަމަށެވެ. އެންމެ މުހިންމު ކަމަކީ، އެކަށީގެންވާ ފެންވަރުގެ ޓަރމިނަލްގެ މަސައްކަތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެއަރޕޯޓުގައި ހޮޓަލެއް ފަދަ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންވެސް ސަރުކާރުގައި އެބަހުރިކަމަށް ވިދާޅުވިއެވެ. އެއަރޕޯޓުގެ މަސައްކަތް ކުރި ފަރާތާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށާއި، އެ ފަރާތުންވެސް މިކަމަށް ޝައުޤުވެރިކަން ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާފަރުގައި ގިނަ ރިސޯޓުތަކެއް ހުރުމާއި، އިތުރު ރިސޯޓުތައް ތަރައްޤީވަމުންދާކަމީ، މާފަރު އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް ބޮޑު ޕޮޓެންޝަލްއެއް އޮތްކަން ހާމަވާ ކަމެއްކަމަށެވެ. އެހެންކަމުން، ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށްޓަކައި ޓަރމިނަލާއި އެހެނިހެން ކަންކަން ކުރުމުގެ މަސައްކަތް މާލަސްތަކެއްނުވެ ފެށޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާފަރަށްވެސް މިކަމަށް ވަރަށް އިސްކަންދޭނެކަމަށެވެ. އެގޮތުން، މިއަންނަ އަހަރަށް މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަން ސަރުކާރުން ނިންމާފައިވާކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅޭނެކަމަށް ވިދާޅުވިއެވެ. އަދި އާ މަޝްރޫޢުތައް ފެށިގެންދާ ރަށްރަށުގެ ތެރޭގައި މާފަރު ހިމެނޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.