ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެންފައިވާއިރު، މާފަރުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ މަނިކުފާނެވެ.

Ad
rt

މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މި މަޝްރޫޢުތަކުގެ ދަށުން، މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްފައިވެއެވެ.

މީގެ އިތުރުން ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީ، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓް ފޯލްއާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވެއެވެ.

ރައީސް މިއަދު މާފަރަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މިކަމަށް ބޭއްވި މިރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މާފަރުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މާފަރުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.