ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ޒަކަރިއްޔާ ފެނޭތޯ މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

Ad
rt

ޒަކަރިއްޔާ ހޯދުމުގެ މި އޮޕަރޭޝަންގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ކަނޑުމަގުންނާއި ވައިގެމަގުން ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ލިބިފައެވެ.

ފުލުހުން އިއްޔެ ބުނިގޮތުގައި ޒަކަރިއްޔާ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ އިއްޔެ ހަވީރު 17:05 ގައެވެ.

ޒަކަރިއްޔާ ޑިންގީއެއްގައި ގައްދޫއިން ފުރާފައި ވަނީ ހެނދުނު 9:30 ހާއިރުއެވެ. އަދި ޒަކަރިއްޔާ ގަމަށް ދިޔަން އެނގިފައިވާއިރު، ޒަކަރިއްޔާ ޚަބަރެއް ނުވެ ގެއްލިފައި ވަނީ ހެނދުނު 11:15 ގައި ގަމުން ފުރިފަހުންނެވެ.

އިއްޔެ އަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުގަދަވެ މޫސުން ވަރަށް ގޯސް ދުވަހެކެވެ. މިއަދު ވެސް ބޮޑު ބަޔަކަށް އަދި އޮތީ މޫސުން ގޯސްކޮށެވެ.