ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. އަދި އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އަޙުމަދު ހަސަން ސޮއިކުރައްވާފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ އެވެ. ސިޓީ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދެވެ.

Ad
rt

12 މާރިޗު 2025 ވަނަ ދުވަހު އާރުޑީސީއާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ އަގަކީ 23 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ދޮޅު އަހަރުތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢު އާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނެފައިވަނީ ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށް ވާގޮތަށް، މާލޭގައި ހިންގާ ދަމަނަވެށީގައި ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކަމަށެވެ.

އެގޮތުން މާލޭ ދަމަނަވެށީގައި ދޭ ޚިދުމަތްތަކުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބޮޑުވުމުގެ މައުލޫމާތު އެއްކޮށް، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން ސިއްހީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން ކުރީ ސަރުކާރުން ވެސް، 8 ސެޕްޓެމްބަރު 2022 ގައި ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ހަވާލުކުރިއެވެ. 26.6 މިލިއަނަށް ހަވާލުކުރި މި މަޝްރޫޢު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކުރިއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު އޮތީ ބީލަމަށް ހުޅުވާލާފައެވެ. މި ބީލަމުގެ މުއްދަތު އަންނަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ހަމަވާނެއެވެ.