ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެވެހި ލިޔުންތެރިކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ މަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުންނެވެ. އަދި ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ތާރީފުގެ ބަސްތައް ތަކުރާރު ކުރައްވަމުން، އެ މަނިކުފާނު ވަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ލިޔުންތެރިންނަށް އަރިސްކުރައްވާފައެވެ.

ދިވެހި ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި ޢާންމު އަޚުލާޤު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމެވެ.