މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.

މި ނިންމެވުމަކީ، ކުރިން 15 އެޕްރީލް 2024 ގައި ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2024 އިން "ފަރުމުލި" އާއި "ކަނޑިންމާހުރާ" މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނިންމެވުމަށް ގެންސްފައިވާ ބަދަލެކެވެ.

Ad
rt

މިއަދު ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 ގައިވާ ގޮތުން، މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އަދި މި ބަދަލާ ގުޅިގެން، "ފަރުމުލި" ވަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

މި ޤަރާރު އެކަށައެޅުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުވެސް ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.