ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިމެނޭހެން ޤުރުއާނާބެހޭ މަރުކަޒަކާއި 12 މިސްކިތެއް މި އަހަރު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް މި 2025 ވަނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރެވޭ އިސްލާމީ މަރުކަޒަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި 12 ރަށެއްގައި އަޅާ މިސްކިތްތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ.

Ad
rt

މިގޮތުން މިއަހަރު ހުޅުވޭނެކަމަށް ޝަހީމް ވިދާޅުވެފައިވާ އިސްލާމީ މަރުކަޒަކީ ހއ. ދިއްދޫގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒެވެ. ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ.

50.8 މިލިއަން ރުފިޔާ ޚަރަދުވާ، ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެއެވެ.

މިއަހަރު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒެވެ.

މިއަހަރު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވެފައިވާ މިސްކިތްތަކަކީ ނ. މަނަދޫގައި އަޅަމުން އަންނަ މިސްކިތާއި، ޅ. ކުރެންދޫގައި އަޅަމުން އަންނަ މިސްކިތާއި، އއ. ހިމަންދޫގައި އަޅަމުން އަންނަ މިސްކިތާއި، އދ. ދިގުރަށުގައި އަޅަމުން އަންނަ މިސްކިތާއި، ލ. ގަން ތުނޑި އަވަށުގައި އަޅަމުން އަންނަ މިސްކިތާއި، ސ. މަރަދޫގައި އަޅަމުން އަންނަ މިސްކިތާއި، ތ. ކަނޑޫދޫގައި އަޅަމުން އަންނަ މިސްކިތާއި، އެ އަތޮޅު ދިޔަމިގިލީގައި އަޅަމުން އަންނަ މިސްކިތާއި، ފުވައްމުލަކު ދޫޑިގަން އަވަށުގައި އަޅަމުން އަންނަ މިސްކިތާއި އަދި ތ. ވަންދޫގައި އަޅަމުން އަންނަ މިސްކިތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.