ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ހާމަކޮށްފިއެވެ.
މިގޮތުން ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ދެ ސްކީމެއް ހިމެނޭއިރު އެ ދެ ސްކީމްގެ ތަފްސީލުތައް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާރު ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވާ ދެ ސްކީމަކީ "ފަހިމާލެ ސްކީމް" އާއި "ސަހަރު ސްކީމް" އެވެ.
ފަހިމާލެ ސްކީމް:
މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ މި ސްކީމްގެ ދަށުން ގިނަވެގެން ދޫކުރަން ނިންމާފައި ވަނީ -/6,000,000 (ހަ މިލިއަން) ރުފިޔާ އެވެ. ނަމަވެސް، ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 (ދިހަ މިލިއަން) ރުފިޔާއާ ހަމައަށް ލޯނު ދެވޭނެއެވެ.
ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތު: 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނައެވެ.
އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.
ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެއެވެ.
އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.
ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.
ސަހަރު ސްކީމް
މި ސްކީމް ހާއްސަކޮށްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށެވެ. މި ސްކީމްގެ ދަށުން ގިނަވެގެން -/3,000,000 (ތިން މިލިއަން) ރުފިޔާ ދޫކުރަން ވަނީ ހަމަޖައްސާފައެވެ.
ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތު: 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނައެވެ.
އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.
ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެއެވެ.
އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.
ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!