ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ.
ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެރޭގައި، ރަށުގެ ފުއްޓަރު ފަރާތުގައި ހިޔާވާ ސަރަހައްދުތަކުގައާއި، ބަނދަރު ސަރަހައްދުގެ ފިތުރޯނު ގަސް ދަށުގެ އިތުރުން ރަށު ތެރޭގައި ހިޔާކޮށްފައިވާ ސަރަހައްދުތައް ހިމެނެއެވެ.
އެގޮތުން މި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ ހަރަކާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ ބައިވެރިވެ އެހީތެރިވެދީފައެވެ.
ޑަބްލިއުޑީސީގެ މެންބަރުންނާއި އިސްވެރިންގެ އަމާޒަކީ އެ ސިޓީގައި ރައްޔިތުން ހިތްހަމަޖެހޭނެ މާހައުލުތައް ޤާއިމްކޮށް، ރަށުގެ އާބާދީއަށް ބަލާފަ އެއްވެސް މީހަކަށް ދަތިނުވާނެހެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!