މިހާރު ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ އިސްރާއީލް-އީރާން ހަނގުރާމައަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަމެއް ދެއްވައިފިއެވެ.

މި ހަނގުރާމައަށް ޓްރަމްޕް ދެއްވާފައި ވަނީ "12 ދުވަހުގެ ހަނގުރާމަ" މި ނަމެވެ.

Ad
rt

މިއީ 1967 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި "6 ދުވަހުގެ ހަނގުރާމަ" އާ އެއްގޮތް ނަމެކެވެ. އެ ހަނގުރާމައިގައި އިސްރާއީލުން ހަނގުރާމަ ކުރީ މިޞްރު، ޖޯޑަން އަދި ސީރިއާ ފަދަ ޢަރަބި ޤައުމުތަކާ އެކުގައެވެ.

އީރާނުން ބުނާ ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށި ފަހުން 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އަދި މަދުވެގެން 3،056 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ބުނެފަވެއެވެ. އިސްރާއީލުގައި މަދުވެގެން 24 މީހުން އީރާނުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މިއަދު ވެސް ދެ ގައުމުން ވަރުގަދަ ހަމަލާތައް ދީފައިވާއިރު، މިއަދަދު މައްޗަށް ދާނެއެވެ.

މި ހަނގުރާމަ ފަށާފައި ވަނީ އިސްރާއީލުންނެވެ. ދިފާއުގައި އީރާނުން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.