ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެކަމަށްބުނެ އޮސްޓްރޭލިއާއިން ޓްރެވެލް އެޑްވައިޒަރީއެެއް ނެރެފި އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ސްމާޓްރެވެލާ އިން މި އެޑްވައިޒަރީ ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

Ad
rt

ރާއްޖޭގައި މަދަނީ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ނުރައްކާ އޮތުމާއެކު، ދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަފާނެ ކަމަށާއި، މިފަދަ ސަރަހައްދުތަކުން ދުރުހެލިވުމަށް އިރުޝާދު ދީފައިވެއެވެ.

ސްމާޓްރެވެލާގެ އިންޒާރުގައި ޚާއްސަކޮށް މާލެ ސަރަހައްދުގައި ހިނގާ މުޒާހަރާތަކަށް ސަމާލުކަން ދިނުމަށް އަންގާފައިވެއެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް، ކޮންމެ ވަގުތެއްގައިވެސް ޓެރަރިޒަމްގެ ޢަމަލެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިންޒާރަކީ "ލެވެލް 2" ގެ ދަތުރުފަތުރުގެ އިންޒާރެކެވެ. ނަމަވެސް މިއީ ދަތުރު ނުކުރުމަށް އަންގާ އިންޒާރެއް ނޫންކަމަށާއި، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާ އިންޒާރެއްކަން ފާހަގަކޮށްފައިވެއެވެ. ރިސޯޓުތަކަކީ އާންމުގޮތެއްގައި އަމާން އަދި ރައްކާތެރި ތަންތަންކަމަށް ބަޔާންކޮށްފައިވެއެވެ.

އޮސްޓްރޭލިއާ އިން އަހަރު ގާތްގަނޑަކަށް 34,000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ދަތުރުވެރިން ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި، ކުއްލިއަކަށް ލިބޭ ޕެކޭޖްތަކާއި ހުށަހެޅުންތައް ބަލައިނުގަތުމަށް އިރުޝާދު ދީފައިވެއެވެ.

މިޚަބަރު އޮސްޓްރޭލިއާގެ ބޮޑެތި ނޫސްތަކުންވެސް އަންނަނީ ކަވަރު ކުރަމުންނެވެ. އެގޮތުން ޑެއިލީ މެއިން ރިޕޯޓު ކުރަމުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހިނގި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ހާދިސާގައި އޮސްޓްރޭލިއާގެ ރައްޔިތަކާއެކު ތިން ބިދޭސީންނަށް ޒަޚަމްތަކެއް ލިބުނުކަމަށާއި މީގެ އިތުރުން އެ އަހަރު ލ. ގަމުގައި ފުލުހުންގެ ސްޕީޑްބޯޓަކަށް އަލިފާނުގެ ހަމަލާއެއް ދީފައިވާކަމަށެވެ. އަދި 2021 ވަނަ އަހަރުގެ މޭ މަހު މާލޭގައި ގޮއްވާލި ޑައިނަމައިޓް ގޮވުމުގެ ހާދިސާގައި އިސް ސިޔާސީ ފަރާތަކާއި އާންމު އެތައް ރައްޔިތުންނަކަށް އަނިޔާވިކަމަށެވެ.

މާލެ ސަރަހައްދާއި ރިސޯޓު ނޫން އެހެނިހެން ރަށްރަށުގައި މުޒާހަރާތަކާއި، މަސްތުވާތަކެއްޗާ ގުޅުންހުރި އަދި ގޭންގު ހަރަކާތްތަކާ ގުޅުންހުރި އަނިޔާވެރި ޢަމަލުތައް ހިނގާކަން ފާހަގަކޮށްފައިވެއެވެ. މުޒާހަރާތައް އަމާންކަމާއެކު ކުރިއަށްދާކަމަށް ފެނުނު ނަމަވެސް، މިފަދަ އެއްވުންތަކުން ދުރުހެލިވެ، ރަސްމީ އިރުޝާދުތަކަށް ސަމާލުވުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ކުދި ކުށްތަކަކީވެސް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ގޮނޑުދޮށްތަކުންނާއި ހޮޓާ ކޮޓަރިތަކުން، އަދި ރިސޯޓުތަކުންވެސް ވައްކަމުގެ މައްސަލަތައް ހިނގާކަމަށް ބުނެ، ދަތުރުވެރިން އެމީހުންގެ އަގުބޮޑު ތަކެތި ރައްކާތެރިކުރުމަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.

މި އިންޒާރުތަކާއެކު، ދަތުރުވެރިން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރަސްމީ އިރުޝާދުތަކަށް ސަމާލުވުމަށް ސްމާޓްރެވެލާއިން އިލްތިމާސްކޮށްފައިވެއެވެ.

ޓްރެވަލް އެޑްވައިޒަރީ