ކުޅުދުއްފުށީ ސިޓީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ 8 ގަހެއް ސިޓީ ކައުންސިލުން ޙިމާޔަތްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިދިޔަ ނުދަ ދުވަހު ބޭއްވި ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.އަދި މި ނިންމުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 5 ނިކަ ގަހާއި 3 ކަނދުގަސް ޙިމާޔަތްކުރުމަށް ވަނީ ފާސްކޮށްފައެވެ.
އެގޮތުން މި މަސައްކަތަކީ، "ފިނިފެހިސިޓީ" އިނީޝިއޭޓިވްގެ ދަށުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގުނު ޙަރަކާތެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދީ ބުނެފައިވަނީ، މި ގަސްތައް ޙިމާޔަތްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ ގަސްތައް ނެތިދިއުން ހުއްޓުވުމާއި، ރަށުގެ ފެހިކަން އިތުރުކުރުމާއި، އަދި ގަސް އިންދުމަށް ހިތްވަރުދިނުމެވެ.
އަދި މި ގަސްތައް ޙިމާޔަތްކުރެވިފައިވަނީ ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދުގެ ދަށުންނެވެ. އަދި މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 3 އަދި 4 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދެއްކަމަށެވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ރަށުގެ ފެހިކަން އިތުރުކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއްވެސް ކުރަމުންދާކަމަށް ހާމަކޮށްފައެވެ. އެގޮތުން، 20 އޭޕްރިލް 2025 ގައި "ފިނިފެހި ނާސަރީ" ގެ ނަމުގައި ނާސަރީއެއް ހުޅުވާފައިވާ ކަމަށާއި، ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުޅުދުއްފުށީގައި މަލަފެހި ނާސަރީއެއްވެސް ހިންގަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ރަށުގެ އެކި ހިސާބުތަކުގައި ގްރީން ޕާކުތައް ހަދައި، މަގުމަތީގައި ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
އެހެންކަމުން މި މަސައްކަތުގެ ސަބަބުން ކުޅުދުއްފުށީގެ ތިމާވެށި ރައްކާތެރިކޮށް، ރަށުގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ތިމާވެށްޓާ ގުޅުންހުރި ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ކުޅުދުއްފުށީގެ ފެހިކަން އިތުރުވެ، ރަށުގެ ޖައްވު ސާފުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!