ޕާކިސްތާނަށް ތުރުކީން ފާޅުގައި ތާއީދުކުރަމުންދާތީ އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އިންޑިއާގެ އެއާލައިން ކުންފުނި އިންޑިގޯއިން ޓާރކިޝް އެއާލައިންސްއާއެކު ވެފައިވާ އެއާކްރާފްޓްތައް ލީސްކުރުމުގެ އެއްބަސްވުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިމުމަކަށް ގެންނާނެ ކަމަށް އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހުކުރު ދުވަހު ބުނެފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ދަތުރުވެރިންނަށް ދަތިނުވާނެ ގޮތެއްގެ މަތިން، އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި ތިން މަސް ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމަށްފަހުއެވެ.

Ad
rt

މިހާރު އިންޑިގޯއިން ދަތުރުތައް ކުރުމަށް ބޭނުންކުރާ ދެ ބޮއިން 777-300އީއާރު މަތިންދާބޯޓަކީ ތުރުކިޝް އެއާލައިންސް އަތުން 'ޑޭމްޕް ލީސް' އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ދެ ބޯޓެވެ. މި ބޯޓުތައް ބޭނުންކުރަނީ ދިއްލީ އާއި މުމްބާއީން އިސްތަންބޫލަށް ސީދާ ދަތުރުތައް ކުރުމަށެވެ. މި އެއްބަސްވުން ހަމަވާން އޮތީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ.

އިންޑިގޯއިން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ދަތުރުވެރިންގެ ފަސޭހައަށާއި އޮޕަރޭޝަނަލް ޕްލޭނިންއަށް ރިއާޔަތްކޮށް ރެގިއުލޭޓަރުން އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ، މި މަހުގެ ކުރީކޮޅު އިންޑިއާއިން ޓެރަރިސްޓް ކޭމްޕްތަކަށް ދިން ވައިގެ ހަމަލާތަކަށް ތުރުކީން ފާޑުކިޔައި، ޕާކިސްތާނަށް ފާޅުގައި ތާއީދުކޮށްފައިވާތީ، ދެ ގައުމުގެ ދެމެދުގައި އުފެެދިފައިވާ ސިޔާސީ ނުތަނަވަސްކަމާ ގުޅިގެންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ އޭވިއޭޝަން ސެކިއުރިޓީ ބަލަހައްޓާ އިދާރާ، ބީސީއޭއެސް އިން ވަނީ ގައުމީ ސަލާމަތަށްޓަކައި ތުރުކީގެ ކުންފުންޏެއް ކަމަށްވާ ސެލެބީ އެއާޕޯޓް ސާވިސަސްގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލްކޮށްފައެވެ. މީގެ އިތުރުން، ޓްރެވަލް އެސޯސިއޭޝަންތަކާއި އޮންލައިން ޕޯޓަލްތަކުން ވަނީ ތުރުކީއަށް ދަތުރުނުކުރުމަށް އިރުޝާދު ދީފައެވެ.

މީގެ ކުރިން އިންޑިގޯއިން ތުރުކިޝް އެއާލައިންސްއާއެކު އޮތް ގުޅުމުގެ ދިފާއުގައި ވާހަކަ ދައްކާފައިވީ ނަމަވެސް، އަދި އިންޑިއާގެ ދަތުރުވެރިންނަށާއި، އޭވިއޭޝަން ދާއިރާގެ ވަޒީފާތަކަށާއި، ކަނެކްޓިވިޓީއަށް ލިބޭ ފައިދާތައް ފާހަގަކޮށްފައިވީ ނަމަވެސް، އިންޑިގޯގެ ސީއީއޯ ޕީޓަރ އެލްބަރސް ހުކުރު ދުވަހު ވިދާޅުވީ، އިންޑިގޯއިން މިއަދުވެސް ގަވާއިދުތަކަށް ތަބާވަމުންދާ ކަމަށާއި، ސަރުކާރުގެ ކޮންމެ ގަވާއިދަކަށް ވެސް ކުރިއަށް އޮތްތަނުގައިވެސް ތަބާވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ ރާމްމޯހަން ނައިޑޫ ވިދާޅުވީ، މި މައްސަލައާ ގުޅޭ ގޮތުން ނިހާއީ ނިންމުމެއް ނިންމުމުގެ ކުރިން، މިނިސްޓްރީން އިންޑިގޯ އާއި ސަލާމަތީ އިދާރާތަކުގެ ފަރާތުން ލިބެމުންދާ މައުލޫމާތުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.