ހަ މީހުންނާއިއެކު ހދ.ހަނިމާދޫއިން ފުރައިގެން ހއ.ފިއްލަދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:45 ހާއިރުއެވެ.

Ad
rt

މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އެ ލޯންޗްގެ ކައްޕި އަބްދުﷲ ނާސިފް ބުނީ، ރޭ ދަންވަރު ހަނިމާދޫއަށް ޖެއްސި ފްލައިޓުން އައި އެ ރަށު ބަޔަކު ނަގައިގެން ލޯންޗް ހަނިމާދޫ ބަނދަރުން ފުރީ ރޭ ދަންވަރު 01:45 ހާއިރު ކަމަށާއި، ނެރުން ނުކުމެ މިނެޓެއްހާއިރު ދުއްވާލިތަނާ ލޯންޗްގައި ހަރުއެއްޗެއް ޖެހުނުކަމުގެ އިހުސާސްވީކަމަށެވެ.

ނާސިފް ބުނީ ލޯންޗްގައި އެއްޗެއް ޖެހުނު ނަމަވެސް ލޯންޗް ފަޅައިގެންދިޔަ ކަމެއް އޭރު ނޭނގުން ކަމަށާއި، ލޯންޗްގައި ދިޔަގަނޑު ބޮޑުވާކަން ފާހަގަ ކުރެވުނީ ހަނިމާދޫއާއި ބާރަށާއި ދެމެދު ކަނޑުއޮޅީގައި ލޯންޗް އޮއްވައި ކަމަށެވެ. ލޯންޗްގެ ޕަމްޕް ޖައްސައިގެން ވެސް ދިޔަގަނޑު މުޅިން ކޮންޓްރޯލް ނުވުމުން ވަގުތުން ކައިރީގައި އޮތް މުރައިދޫއަށް މިސްރާބުޖެހި ކަމަށެވެ. ލޯންޗް އަޑިޔަށް ދިޔައީ މުރައިދޫ ބަނދަރަށް ވަތްފަހުންނެވެ.

ނާސިފް ބުނީ އެ ހާދިސާ ކަމާއިގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް އެވަގުތު ގެނައި ކަމަށެވެ. ނާސިފާއިއެކު ލޯންޗްގައި ހަމީހުން ދަތުރުކުރިއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

ލޯންޗްގައި ޖެހުނު އެއްޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނާސިފް ބުނީ އޭނާއަށް ބޮޑަށް ލަފާކުރެވެނީ ގަސްގަނޑެއްފަދަ އެއްޗެއް ލޯންޗުގައި ޖެހުނު ކަމަށެވެ.

މުރައިދޫގެ ރައްޔިތުންގެ އެހީތެރިކަމާއިއެކު މިހާރު އެ ލޯންޗް ވަނީ މުރައިދޫއަށް އެހެލާފައެވެ.