މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަށް ދީފިއެވެ.

މަރުކަޒީ ބޭންކުން މި ހުއްދަ ދޫކޮށްފައި ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

Ad
rt

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށް މި ހުއްދަ ދޫކުރީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކްއަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި ހުއްދަ ދީފައި ވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ޤާއިމްކުރުމަށެވެ.

''މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް މި އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ،'' މަރުކަޒީ ބޭންކުން ބުނެފަވެެއެވެ.

އެމްއެމްއޭއިން ބުނިގޮތުގައި މިއީ ދިވެހިރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދޫކުރެވުނު ދެ ހުއްދައެވެ. މި ހުއްދަތައް ދޫކޮށްފައި ވަނީ 19 މޭ 2025 ވަނަ ދުވަހު އެވެ.

މި އެޅުނު ފިޔަވަޅަކީ ރާއްޖޭގައި މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއްކަމަށް ދެކޭކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފަވެއެވެ.