ހަމާސް އިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވެއްޖެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އަލްޖަޒީރާ އަށް މަޢުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ، އެނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމާސް ޖަމާއަތުން ވަނީ އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން، 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ދެ ފިޔަވައްސަކަށް ބަހާލައިގެން އިސްރާއީލުގެ ދިރިތިބި 10 ރަހީނުންނާއި އިތުރު ބައެއް މީހުންގެ ހަށިތައް ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ 5 ރަހީނުން އެއްބަސްވުމުގެ ކުރީކޮޅު، އަދި އަނެއް 5 ރަހީނުން 60 ވަނަ ދުވަހު ދޫކޮށްލާނެއެވެ.
މިކަން ހިނގަމުންދާއިރު، އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީގެ ސްކޫލަކަށް ބޮން އަޅައި، އެތަނުގައި ހުޅު ރޯވެ، ކުޑަކުދިންތަކެއް ހިމެނޭ ގޮތަށް މަދުވެގެން ފަލަސްތީނުގެ 36 މީހުން ޝަހީދުކޮށްލާފައެވެ. ހޯމަ ދުވަހުގެ ފަތިހުން ފެށިގެން ދީފައިވާ ހަމަލާތަކުގައި ޖުމްލަ 50 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 53,977 މީހުން ޝަހީދުވެ، 122,966 މީހުން ޒަޚަމްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!