އިސްރާއީލުން ޣައްޒާގެ 10 ހޮސްޕިޓަލަކާއި ކްލިނިކަކަށް ހަފުތާއެއްގެ ތެރޭގައި ހަމަލާދީފިއެވެ.
ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ފާއިތުވި ހަފްތާގެ ތެރޭގައި ޣައްޒާގެ 10 ހޮސްޕިޓަލާއި ކްލިނިކަށް ހަމަލާދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން، އެތަންތަނުން ދެމުން އައި ޞިއްޙީ ޚިދުމަތްތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. މިހާރު ކިރިޔާވެސް ޚިދުމަތެއް ލިބެނީ ، ބާކީ ހުރި މަދު ޞިއްޙީ މަރުކަޒުތަކުން ކަމަށްވާތީ އެތަންތަނަށް ވަނީ ބާރު ބޮޑުވެފައެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މެއި 4 ވަނަ ދުވަހު ފާސްކޮށް، މެއި 18 ގައި ފެށި "ގިޑިއަން ޗެރިއަޓްސް" ނަމަކަށް ކިޔާ އަސްކަރީ އޮޕަރޭޝަންގެ ދަށުން، ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށް ދިން ހަމަލާއާއެކު، އިސްރާއީލުން އެމީހުންގެ އެއްގަމު ހަނގުރާމަ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ޣައްޒާގެ ޞިއްޙަތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން 400،000 އަށްވުރެ ގިނަ މީހުންނަށް ލިބެމުން ދިޔަ ޞިއްޙީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މިއީ ޣައްޒާގެ އާންމުންނަށް މިހާރުވެސް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްކޮށްލި ކަމެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނާގޮތުގައި، ފާއިތުވި ހަފްތާގައި އެކަނިވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް 28 ހަމަލާ ދީފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ހޮސްޕިޓަލްތަކަށް ދީފައިވާ ޖުމްލަ ހަމަލާތަކުގެ 4 އިންސައްތައެވެ. ޑަބްލިއު.އެޗް.އޯ އިން އިތުރަށް ފާހަގަކުރާ ގޮތުގައި، ޣައްޒާގެ 94 އިންސައްތަ ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކުރިން ހިންގަމުން އައި 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު ޚިދުމަތް ދެމުން އަންނަނީ އެންމެ 19 ހޮސްޕިޓަލުންނެވެ. ޑަބްލިއު.އެޗް.އޯ އިން ވަނީ ހޮސްޕިޓަލްތަކަކީ ހަމަލާދޭން ހުއްދަ ތަންތަން ނޫންކަމަށް ބުނެ، އެފަދަ އަމަލުތައް ކުށްވެރިކޮށްފައެވެ.
އިސްރާއީލުން ދަޢުވާކުރާ ގޮތުގައި، ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ހޮސްޕިޓަލްތައް ފިލާ ތިބުމަށް ބޭނުންކުރެއެވެ. ނަމަވެސް، މިފަދަ ދަޢުވާތަކަކީ ހޮސްﭘިޓަލްތަކަށް ހަމަލާދިނުން ހުއްޖަތު ސާބިތުކުރުމަށް އިސްރާއީލުން އަބަދުވެސް ދައްކަމުން އަންނަ ބަހަނާއެއް ކަމަށް މަސްދަރުތަކުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!