ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ކަނޑިތީމު އަދި ގޮއިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެގޮތުން މި ދެ ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ވަޒީރު ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ ނަންގަވަން ބޭނުން ކުރެއްވި ކާޑު އެރަށެއްގެ ކައުންސިލާ ހަވާލުކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ކަނޑިތީމާއި ގޮއިދޫ ކައުންސިލަށް ވަނީ ހަނދާނީ ފިލާއެއްވެސް ދެއްވާފައެވެ.

ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފައިސާ ނެގުމުގައި ދިމާވާ ދަތިތައްފަދަ ރައްޔިތުން އުފުލަންޖެހޭ އެކިއެކި ތަކުލީފުތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ފައިސާ ނެގުމާއި ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކުންފަދަ މުހިންމު ޚިދުމަތްތައް އޭޓީއެމާއެކު 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އޭޓީއެމް ޤާއިމުކުރުމުގެ އިތުރުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ކުރަމުންދާ ބައެއް ކަންކަންވެސް ސީއީއޯ ވަނީ ފާހަގަކުރެއްވާފައެވެ.

މި ދެ ރަށުގައި ވެސް ޤާއިމްކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމް އެކެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ބެންކް އޮފް މޯލްޑިވިސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައެވެ. މި މަޝްރޫޢުއާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އެގޮތުން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.