ދުނިޔޭގެ އެއްވަނަ ޓެކްނޮޖީ ކުންފުނި އެޕަލްއިން އެ ކުންފުނީގެ ވިންޓޭޖް އަދި އޮބްސޮލީޓް އުފެއްދުންތަކުގެ ލިސްޓަށް އައިފޯން 7 ޕްލަސް އަދި އައިފޯން 8 އިތުރުކޮށްފިއެވެ.
މިލިސްޓަށް ލުމުން މި ދެ ސްމާޓްފޯނަކީ މިހާރު ޒަމާނީ ނޫން އުފެއްދުންތަކެއްގެ ގޮތުގައި ބެލެވޭނެ އެވެ. އަދި މި ދެ ފޯނަށް ލިބޭނެ ޚިދުމަތްތަކާއި މަރާމާތުތައް މަދުވެގެންދާނެ އެވެ.
އެޕަލްއިން އާންމު ގޮތެއްގައި ޓެކްނޮލޮޖީގެ ގޮތުން ޒަމާނީ ނޫން އުފެއްދުންތަކަށް ހާޑްވެއަރ ޚިދުމަތް ދިނުން ހުއްޓާލައެވެ. މިއީ އެފަދަ އުފެއްދުންތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުމާއި މަރާމާތު ކުރުމަށް ދަތިވާތީ ކުރާ ކަމަކެވެ. ނަމަވެސް، އެޕަލްއިން މިފަދަ އުފެއްދުންތަކަށް ސޮފްޓްވެއަރ އަޕްޑޭޓްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދެއެވެ.
އައިފޯން 7 ޕްލަސް ވަނީ 2016 ވަނަ އަހަރު އައިފޯން 7 އާއެކު ދުނިޔޭގެ މާކެޓަށް ތަޢާރަފުކޮށްފައެވެ. އައިފޯން 11 ސީރީޒް ނެރުމާ ގުޅިގެން 2019 ގައި މި ފޯނު ވިއްކުން ހުއްޓާލާފައިވެއެވެ.
އައިފޯން 8 ވަނީ 2017 ވަނަ އަހަރު އެޕަލް ޕާކުގައި ބޭއްވުނު ފުރަތަމަ އިވެންޓުގައި ތަޢާރަފުކޮށްފައެވެ. މި ފޯނު ވަނީ އައިފޯން 8 ޕްލަސް އަދި އައިފޯން އެކްސްއާ އެކުގައި ނެރެފައެވެ. އައިފޯން އެސްއީ (2020) ނެރުމާ ގުޅިގެން 2020 ގައި އެޕަލްއިން މި ފޯނު ވިއްކުން ހުއްޓާލާފައިވެއެވެ.
އައިފޯން 7 ޕްލަސްގެ ހުރިހާ މޮޑެލްތަކެއް ވަނީ އޮބްސޮލީޓް ގޮތުގައި ކެޓަގަރައިޒްކޮށްފައެވެ. ނަމަވެސް އައިފޯން 8 ގެ ސީރީޒްގެ ތެރެއިން މިލިސްޓަށް ލައިފައިވަނީ 64 ޖީބީ އަދި 256 ޖީބީގެ މޮޑެލްތައް އެކަންޏެވެ.
މިސީރީޒްގެ 128 ޖީބީގެ މޮޑެލް މި ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. މިއީ މި މޮޑެލް ދިގު މުއްދަތަކަށް ވިއްކަމުން ގެންގޮސްފައިވާތީ ކަމަށް ބެލެވެއެވެ.
އެޕަލްއިން ވިންޓޭޖް ގޮތުގައި ކަނޑައަޅާފައިވާ އައިފޯން މޮޑެލްތަކުގެ ތެރޭގައި އައިފޯން 4 (8ޖީބީ)، އައިފޯން 5، އައިފޯން 6އެސް (16ޖީބީ، 64ޖީބީ، 128ޖީބީ)، އައިފޯން 6އެސް ޕްލަސް، އައިފޯން އެސްއީ، އައިފޯން 7 ޕްލަސް، އައިފޯން 8 (64ޖީބީ، 256ޖީބީ)، އައިފޯން 8 ޕްލަސް (ޕްރޮޑަކްޓް ރެޑް)، އައިފޯން އެކްސް، އަދި އައިފޯން އެކްސްއެސް މެކްސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!