ކޯޓުގެ އަމުރަކުން ކުޑަ ވަގުތުކޮޅަކަށް ސޮއިކުރުން ލަސްވުމަށްފަހު، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް ނިންމާފައިވާކަމަށް އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓާމަރ ވިދާޅުވީ މި އެއްބަސްވުމަކީ އެ ޤައުމުގެ ދިފާޢާއި އިންޓެލިޖެންސްއަށާއި އަދި އިނގިރޭސި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

Ad
rt

ބިލިއަން ޑޮލަރުތަކެއްގެ މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއެގޯ ގާސިއާގައި ހުރި ސްޓްރެޓެޖިކް ގޮތުން މުހިންމު އެމެރިކާ-ޔޫކޭ އެއާބޭސް 99 އަހަރުގެ ކުއްޔަކަށް ޔޫކޭގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހުއްދަ ލިބިގެންދާނެއެވެ.

"މި ބޭސްގެ ސްޓްރެޓެޖިކް މަޤާމަކީ ބްރިޓަނަށް އެންމެ މުހިންމު އެއްޗެއް، މިހާރު މި އެއްބަސްވުމުގައި ސޮއިކުރުމުން، އަހަރެމެންގެ ޝަރުތުތަކާ އެއްގޮތަށް، އަހަރެމެން ވަރުގަދަ ރައްކާތެރިކަމެއް ހޯދުނީ، މީގެ ތެރޭގައި ނުރަނގަޅު ނުފޫޒުތަކުން ސަލާމަތްވުން ހިމެނޭ، މިކަމުގެ ސަބަބުން މި ބޭސް ކުރިއަށް އޮތް ޤަރުނުގެ ބޮޑު ބައެއްގައި ހިންގުމަށް ފުރުޞަތު ލިބިގެންދާނެ،" " ސްޓާމަރ ވިދާޅުވިއެވެ.

މި ސޮއިކުރުން އައީ ބުރާސްފަތި ދުވަހުގެ ހެނދުނު ހައިކޯޓުގެ ފަނޑިޔާރަކު މޮރިޝަސްގެ ބޭފުޅުންނާއެކު ސްޓާމަރ ސޮއިކުރުމަށް ހަމަޖެހިފައިވާ ވާރޗުއަލް ރަސްމިއްޔާތު ފަސްކުރުމަށް އަމުރެއް ނެރުއްވުމަށްފަހުގައެވެ. ފަނޑިޔާރު މާޓިން ޗެމްބަރލޭން އެ ދުވަހުގެ ފަހުން ބޭއްވުނު އަޑުއެހުމަކަށްފަހު އެ އަމުރު ބާޠިލުކުރެއްވިއެވެ. މިއާއެކު ޔޫކޭ އަށް މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަގު ފަހިވެގެން ދިޔައެވެ.

ކޯޓުގެ އަމުރު ނެރުއްވީ އެއާބޭސް ޤާއިމުކުރުމަށްޓަކައި އެތައް އަހަރުތަކެއް ކުރިން ބޭރުކޮށްލެވުނު އެ ޖަޒީރާތަކުގެ އަސްލު ރައްޔިތުން ތަމްސީލުކުރާ ދެ މީހަކު ކޯޓަށް ދިޔުމުންނެވެ.