އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން، އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ތަށި ހޯދައިފިއެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕެލަސް އިން ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޕެލަސް އިން މިހާތަނަށް އެފްއޭކަޕް ފައިނަލުގައި ތިން ފަރެއްގެ މަތީން ވަނީ ކުޅެފައެވެ. އެއީ މި އަހަރުގެ އިތުރުން 1990 ވަނަ އަހަރާއި 2016 ވަނަ އަހަރުއެވެ. ކުރިން ދެފަހަރު ވެސް ފައިނަލުގައި ޕެލަސް ބަލިވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ޕެލަސް އަށް ޖަހައިދިނީ އެޒޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޑެނިއަލް މުނޯޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
މެޗު ފެށިގެން ސިޓީން ގޭމް ޑޮމިނޭޓް ކޮށްފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ސިޓީގެ މިސްރު ފޯވާޑް މަމޫޝް ފޮނިވާލިއިރު، ޕެލަސްގެ ކީޕަރ ޑީން ހެންޑަޝަން ވަނީ ހުޝިޔާރު ކަމާއިއެކު އެ ޕެނަލްޓީ މަތަކޮށްފައެވެ.
މިއީ، 2016/2017 ވަނަ އަހަރުގެ ސީޒަނަށް ފަހު، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ޓީމެއް، މުބާރާތެއްގެ ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ. އެ ފަހަރަކީ، ގާޑިއޯލާ ސިޓީއާ ހަވާލުވި ފުރަތަމަ އަހަރެވެ.
މި ސީޒަނުގައި ސިޓީން އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް، އެއީ އިނގިރޭސި ފުޓްބޯޅައިގައި ޓްރޮފީއެއްގެ ގޮތުގައި ފާހަގަކުރާ މުބާރާތެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!