ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިންމައި މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުގެ މި ދައުރު ނިންމާލީ 32 ޖަލްސާ ބޭއްވުމަށްފަހުއެވެ. މިއަދު 13:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ހަވީރު 16:33 ގައި ނިންމާލައްވަމުން ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވިގޮތުގައި މި ދައުރު ބޭއްވުނު 32 ޖަލްސާގައި ޖުމްލަ 59 ގަޑިއިރު ވަނީ ހޭދަވެފައެވެ.

Ad
rt

މީގެ އިތުރުން މި ދައުރުތަކުގައި މަޖިލީހުގެ ކޮމެޓީތަކުގެ ޖުމްލަ 103 ބައްދަލުވުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތަކަށް 139 ގަޑި 37 މިނިޓް ހޭދަވިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވިގޮތުގައި މި ދައުރުގައި ވަނީ ޖުމްލަ 9 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާފައެވެ. އޭގެ ތެރޭގައި އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިސްލާހްގެ ބިލާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހްގެ ބިލާއި އަދި މިއަދު ފާސްކުރި ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ބިލް އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

އަބުދުއްރަހީމް ވިދާޅުވީ، މި ދައުރުގައި ކުރެވުނު މަސައްކަތްތަކާއެކު މަޖިލީހަށް ހުށަހެޅިފައިވާ ކަންކަމުގެ ޖުމްލަ 77 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭމަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް އަދި ތިން ވަނަ ދައުރު އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.