ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ 4 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ހަމަލާގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ދަ ޑިމޮކްރެޓްސް ޕާޓީން އަނެއްކާވެސް ގޮވާލައިފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި، ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މި މައްސަލާގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި މި ހަމަލާގެ ތަޙްޤީޤު ފުންމިނަށް ހިންގުމަށް ކުރިން ވެސް ގޮވާލާފައިވާ ގޮވާލުން ތަކުރާރުކޮށްފައިވެއެވެ.
2021 ވަނަ އަހަރުގެ މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށަށް އިއުތިރާފުވި އެއް މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިފައި ނުވާކަން ޑިމޮކްރެޓްސް އިން ފާހަގަކޮށްފައިވެއެވެ.
"މި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަޙްޤީޤުން ހޯދިފައިނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ 25 މާޗް 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" ޑިމޮކްރެޓްސްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާއަކީ ދުރާލާ ރޭވިގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ބުނެ، މިފަދަ ސީރިއަސް މައްސަލައެއްގެ ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ޑިމޮކްރެޓްސް އިން ފާޑުކިޔާފައިވެއެވެ. އަދި މި ހަމަލާގެ ކުރިން ވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާކަން އިންކުއަރީ ރިޕޯޓުން ހާމަވެފައިވާކަމަށް ބުނެފައިވެއެވެ.
މި ހަމަލާގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަޚަމްވެ، 16 ގަޑިއިރުގެ ދިގު ސަރޖަރީއެއް ކުރަންޖެހުނު ކަމާއި، އޭގެ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތްކަން ވެސް ޑިމޮކްރެޓްސް އިން ހަނދާންކޮށްދީފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދިއުމަށާއި، މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލާފައިވެއެވެ.
މި މައްސަލައިގައި އިތުރު ކުރިއެރުމެއް ނުލިބި 4 އަހަރު ފާއިތުވެގެން ގޮސްފައިވާތީ، ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގެ ފުރިހަމަ ތަޙްޤީޤެއް ނުހިންގާ ދޫކޮށްލުމަކީ ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ބެލެވެއެވެ. މި ހަމަލާއިން ރައީސް ނަޝީދު ސަލާމަތްވި ނަމަވެސް، އެ މަނިކުފާނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރައްވަން ޖެހިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!