އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަސާސީ އިސްލާހްކުރަން މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.

Ad
rt

ސަރުކާރުގެ ލެޖިސްޓޭވިވް އެޖެންޑާއަށް އިޝާރަތްކުރަށްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރު މި ސަރުކާރުން 43 ބިލެއް އެކުލަވާލައިފައިވާކަމަށް ވިދާޅުވިއެވެ. މިވަގުތު 40 ބިލެއް މަޖިލީހުގައި އެކި މަރުހަލާތަކުގައި އޮތްއިރު، މި ސަރުކާރުން ހުށަހެޅި 31 ބިލެއް މަޖިލީހުން ފާސްކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި 30 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަން ހާމަކުރަށްވައި ރައީސް ވަނީ އެބިލްތަކާއެކު ޤާނޫނުއަސާސީއަށް ހުށަހަޅަން ނިންމަވާފައިވާ އިސްލާހްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެ އިސްލާހްތަކުގެ ތެރެއިން ބައެއް އިސްލާހްތަކާއި ގުޅިގެން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދާންޖެހޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

''އަތޮޅު ކައުންސިލްތައް، ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ވަރަށް ޗެމްޕިއަން އެބަކުރަން، ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުރަމުންދާ ކަންތައް، މި ޑީޓޭލްކޮށް ބައްލަވާލެއްވީމަ ފެނިވަޑައިގަންނަވާނެ، މިއީ އެފިޝެންޓް ލޭޔަރެއްނޫން، ކައުންސިލްތައް އެއްޗަކީ، ދޭ އާ ވޯކިން ފޮރ ދަ ޕީޕަލް، އެމީހުން އަސްލު ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ މީހުންނަކީ، ދެން ކީކުރާ އަތޮޅު ލެވެލްއެއް، އަނެއްކާ މިހާރު ބައްލަވާ އަތޮޅު ކައުންސިލްގައި މިހާރު މިތިއްބަވަނީ ކޮންމެ ކައުންސިލެއްގެ ރައީސް، ދެން ހުންނާނީ އަތޮޅު ކައުންސިލް ރައީސް ކިޔާފަ އިންތިޚާބޔުކުރާ މީހެއް، ފަންކްޝަނެއް ނުކުރޭ މިއެއް''

އަތޮޅުކައުންސިލްތަކުގެ މީޓިންތައް ބާއްވަނީ އޮންލައިންކޮށް ކަމަށާއި، އެއަށްވުރެ ރަށު ކައުންސިލް ލެވެލުން ހިންގުން މާ ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ޤާނޫނުއަސާސީއަށް އެ އިސްލާހް ގެނައުމަށް މަސައްކަތްކުރަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.