ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ވަނީ، ކެލާ ލިލީ ހައުސް ތަރައްގީ ކުރުމުގެ މަޝްރޫޢު މާލޭގެ ހުކުރު މިސްކިތަށް ވީގޮތަށް ނުވާނެތޯ ސުވާލުކުރަށްވާފައެވެ. އަދި އެތަނަށް ކިހާވަރެއްގެ ޚަރަދެއް ކުރީ ސަރުކާރުން ކުރިތޯ ޝަރީފް ވަނީ ސުވާލުކޮށްފައެވެ.
ކެލާ ލިލީ ހައުސް މަރާމާތުކޮށް ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމް ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު، އަކަ އިންވެސްޓްމެންޓާއި ހަވާލުކޮށްފައެވެ. އެތަނުގެ މަސައްކަތް ސަރުކާރު ބަދަލުވި އިރުވެސް އެއްކޮށް ނިންމާނުލެވެ.
މި ސަރުކާރުން ވަނީ ކެލާގެ ރަށްވެހި އާސާރުގެ ގޮތުގައި އެތަން ތަރައްގީކުރުމަށް 26 މާރިޗް 2025 ގައި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައެވެ.
ކެލާ ދާއިރާގެ މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މިއަދު ވިދާޅުވީ، އެތަން ތަރައްގީކުރަށްވާނީ މިހާރު ވެސް ސޮއިކޮށްފައިވާ ގޮތަށް ރަށްވެހި އާސާރެއްގެ ގޮތުގައި ކަމަށެވެ.
''މިހާރު އަޅުގަނޑުމެން އެވަނީ ލިލީހައުސް އިތުރަށް ތަރައްޤީ ކުރުމަށް، މި ސަރުކާރުގެ ގެ ސިޔާސަތުގެ ތެރޭގައިވާ ރަށްވެހި ދާރުލް އާސާރު، ރަށްވެހި
އާސާރުތައް ތަރައްޤީ ކުރުމުގެ މަހްފޫމްގެ ތެރެއިން ތަރައްޤީ ކުރަން މިހާރު އެވަނީ ސޮއިކުރެވިފައި، އެހެންވީމާ، ސޮއިކުރެވިގެން މިހާރު ދެން އެ ތަން ތަރައްޤީ ކުރެވިގެން ދާނީ މި ސަރުކާރުގެ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާއެއްގޮތަށް،'' ވަޒީރު ވިދާޅުވެފަވެއެވެ.
ކެލާ ލިލީ ހައުސަކީ ޒަމާނުއްސުރެ އެރަށުގައި މަޢުލޫދުގެއެއްގެ ގޮތުގައްޔަޢީ މަދަރުސާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތެކެވެ. ލިލީ ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 1940 ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. މަސައްކަތް ނިމިފައިވަނީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ލިލީ ހައުސަކީ ރާއްޖޭގައި ހުރި މިފަދަ އާސާރީ ޢިމާރާތްތަކުގެ ތެރެއިން ފަރުމާގެ ގޮތުން ފާހަގަކޮށްލެވޭ ޢިމާރާތެކެވެ. ލިލީ ހައުސްގައި މަދަރުސާ ހިންގާފައިވަނީ ޝެއިޚް އިބްރާހީމް ސްކޫލް އާއި ލިލީ ޕްރީ ސްކޫލްގެ ނަމުގައެވެ.
ކެލާގެ ކުރީގެ މައުލޫދު ހަރުގެ ''ލިލީ ހައުސް''ގެ އިތުރުން އެ ރަށުގައި މިވަގުތު ފެންނަންހުރި ބައެއް އާޘާރީ ތަންތަނުގެ ތެރޭގައި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބޭނުންކުރި ބަޑިގެއާއި ބުންބާ ބެހެއްޓި ވަޅާއި އަދި ބޯޓުގަނޑު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!