ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްކޭޓްކުރާ ޒުވާނުންނާއި ގުޅިގެން 8 އަހަރުންމަތީގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސްކޭޓް ކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޭޕްރީލް 11 އިން 13 އަށް ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ދަރިވަރުން ވަނީ ތަމްރީން ވެފައެވެ.

Ad
rt

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގަންނާފައެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާތިފް ވިދާޅުވެފައިވަނީ، ސްކޭޓް ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤުސަދަކީ ކުޑަކުދިންނާއި ޒުވާނުންނަށް އެކްސްޓްރީމް ސްޕޯރޓްސްގެ ފުރުސަތު ތަނަވަސްކޮށްދީ އައު ކުޅިވަރުތަކަށް ހުނަރު އިތުރުކޮށްދިނުންކަމަށެވެ. އަދި މި ޓްރެއިނިންގް ޕްރޮގްރާމްގެ ދަށުން ކުދިންނަށް ސްކޭޓްކުރުމުގެ އިތުރުން އިޖްތިމާއީ ގުޅުންތައް ދަސްވެ މީހުންނާއެކު އުޅެން ދަސްވާނެކަމަށެވެ.

މީގެ އިތުރުން ސްކޭޓް ބޯޑިންނަކީ ކުދިންނަށް ރަނގަޅު ވަގުތުތަކުގައި ޑިސިޝަން ނެގުމަށާއި، ރިސްކު ނަގަން ދަސްވެ، ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ދަސްވާނެކަމެއްކަމަށާއި، މިފަދަ ހަރަކާތްތަކުގައި ކުދިން ޝާމިލުވުމުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވާނެކަމަށް މި ރަސްމިއްޔާތުގައި މޭޔަރ އާތިފް ވަނީ ފާހަގަކުރައްވާފައިވެއެވެ.

މި ޕްރޮގްރާމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވި މޯލްޑިވިއަން ބޯޑް ރައިޑާރސް އެކަޑަމީގެ ކޯޗު އަޙްމަދު އަރްޒާން އަށާއި ކުޅުދުއްފުށީ ޒުވާނުންގެ ތެރެއިން މި ޕްރޮގްރާމްއަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އިތުރުން ފަސްޓް އެއިޑްގެ ޙިދުމަތް ފޯރުކޮށްދެއްވި ރެޑްކްރެސެންޓަށް މޭޔަރ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.