ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައޫދީ ފަންޑް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުކުރެއްވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

Ad
rt

މި ޝަރަފު އެ މަނިކުފާނަށް އެރުވުނީ، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސް މުޢިއްޒު އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި، ޞިއްޙީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެއްވާ އެހީތެރިކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެ ބޭފުޅުންވެސް ފާޅުކުރެއްވިއެވެ. އަދި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، މި މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބޭނެ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރެއްވިއެވެ.

ބައްދަލުވުމުގެ ކުރިން ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރައީސް އޮފީހުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެ އާއި ސަޢޫދީ އަރަބިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.