އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލުން ވަނީ 4-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށްފައެވެ.

ރޭ މެޗަށް ޔުނައިޓެޑް ނެރުނު ފުރަތަމަ އެގާރާގައި އެ ޓީމްގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ ހިމަނާފައިނުވެއެވެ. ސަބަބަކީ މެޗުތަކުގައި ތަކުރާރުކޮށް އޭނާ ބޮޑެތި ގޯސްތައް ހަދަމުން އަންނާތީއެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިޔޯންއާއި 2-2 ގެ ނަތީޖާއިން މިދިޔަ ހަފްތާގައި އެއްވަރުވި މެޗުގައި ޔުނައިޓެޑްގެ ކޮޅަށް ވަތް ދެ ލަނޑުގައި ވެސް އޮނާނާގެ ފަރާތުން ގޯސް ފެނިގެންދިޔުމާއި ގުޅިގެން، އޮނާނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން ވެސް އަމާޒުވެފައެވެ. އޮނާނާގެ ބަދަލުގައި ރޭ ޔުނައިޓެޑްގެ ގޯލު ބަލަހައްޓާފައި ވަނީ ބަދަލު ކީޕަރ ބަޔިންޑިއޭއެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނިއުކާސަލުންނެވެ. އެ ލަނޑު 24 ވަނަ މިނެޓުގައި ޖަހައިދިނީ ޓޮނާލީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާނާޗޯ ވަނީ ލަނޑެއްޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ.

ދެވަނަ ހާފުގައި ނިއުކާސަލުން ވަނީ އިތުރު ތިން ލަނޑުޖަހައި މެޗުން މޮޅުވެފައެވެ. އެ ޓީމްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ ބާންސްއެވެ. ހަތަރުވަނަ ލަނޑު ޖަހައިދިނީ ގިމަރޭސްއެވެ. ގިމަރޭސް ލަނޑު ޖަހާފައިވަނީ ޔުނައިޓެޑްގެ ކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ގަދަ ހަތަރެއްގެ ފޯރި ގަދަވެފައިވާއިރު، ނިއުކާސަލުން މިވަނީ ތިން ޕޮއިންޓް ހޯދައިގެން ހަތަރުވަނައަށް ޖެހިލާފައެވެ. ނިއުކާސަލް ހަތަރުވަނާގައި އޮތީ 31 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލަށްވުރެ އެއް މެޗު އިތުރަށް ކުޅެ ހޯދި 55 ޕޮއިންޓާއިއެކު ސިޓީ އޮތީ ފަސްވަނާގައެވެ. ހަވަނާގައި ޗެލްސީ އޮތީ 32 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ މެޗުން ބަލިވި ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 32 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ޔުނައިޓެޑް ވަނީ 14 މެޗުން ބަލިވެފައެވެ.