ތުރުކީ ވިލާތުން ހިލޭ އެހީގެގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި މަނަވަރަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން ވެދޭ އެހީތެރިކަމެއް ކަމަށެވެ.

Ad
rt

އެގޮތުން، މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތެރެއަށް ނެރެ، ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ދަނީ ތަމްރީންވަމުންކަމަށް ވެސް ދިފާއީ ވުޒާރާއިން ބުނެފަވެއެވެ.

ދިފާއީ ވުޒާރާއިން ބުނިގޮތުގައި، މި އުޅަނދު ސިފައިންގެ ޙިދުމަތަށް ނެރުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީގެ 243 ވަނަ މާއްދާގެ (ހ) ގައި ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުންކަން ފާހަގަކޮށް، ސިފައިންގެ ޚިދުމަތަށް އިތުރުކުރެވޭ މި ޤާބިލުކަމަކީ، ޤާނޫނު އަސާސީ އާއި ސިފައިންގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ދިފާއީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފަވެއެވެ.

ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ. މަޤާމާއި ޙާވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒުކުރެއްވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަ އިރު، މި މަޝްރޫޢުއަކީ ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށް ނެގުނު ވަަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ވުޒާރާގެ ބަޔާނުގައި ބުނެފަވެއެވެ.