ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ ޢަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނޭކަން ފާހަގަކުރެއްވިއެވެ.
ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ އެފަދަ ޤައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!