މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް މީހަކު ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ.

24 މާރިޗް 2025 ގައި ހެލްތް މިނިސްޓްރީން ވަނީ އެ މަގާމަށް ވަގުތީގޮތުން އަހްމަދު މައުސޫމް ހަމަޖައްސާފައެވެ. މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ.

Ad
rt

މައުސޫމްގެ ބެލުމުގެ ދަށުން އެތަން ހިންގަމުން އަންނައިރު، ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިއީ ވަކި އިޖުރާއާތުތަކަކާއި އިޞޫލުތަކެއްގެ ތެރެއިން ޤާނޫނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަމެއްކަމުން އަދި މިއީ ވަގުތު ހޭދަވާ އިޖުރާއާތެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ތެލެސީމިއާ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން، އެމްބީއެސް އަށް ޑީޖީއެއް އައްޔަންކުރުމަށްޓަކައި އެ މަގާމަށް މިއަދު ވަނީ ހުޅުވައިލާފައެވެ.

މި މަގާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ކުރި ޢިއުލާންގައިވާގޮތުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނެވެ. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެ އިތުރުން މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާމީހުންނަށްވެސް އެ މަޤާމަށް ކުރިމަތިލެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

އެމްބީއެސްއަށް މިވަގުތު ބޭނުންވާ 5 ނަރުހުން ހޯދުމަށް މިއަދު ވަނީ އިޢުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ވެސް ހެލްތުން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 23 މާރިޗް 2025 ގައި އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާއަށް ވަޑައިގެން އެތަންތަން ބެއްލެވުމަށްފަހު ކުރެވުނު މަޝްވަރާގައި، ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސްގެ ނިންމެވުމާއެއްގޮތަށް ސިފައިން ވަނީ މާރިޗް 27 ވަނަ ދުވަހު ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.