ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ސެމްސަންގުން އެ ކުންފުނީގެ ފްލެގްޝިޕް ގެލެކްސީ އެސް ސީރީޒްގެ އަލްޓްރާ މޮޑެލްތަކުން އެސް-ޕެން ނައްތާލުމަށް ރާވާ ކަމަށް ބުނެ ޓެކްނޮލޮޖީ ދާއިރާގެ ލީކަރެއް މަޢުލޫމާތު ހާމަކޮށްފިއެވެ.
ޕަންޑާފްލޭޝްޕްރޯ ނަމަކަށް ކިޔާ ފަރާތަކުން އެކްސްގައި ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މުސްތަޤުބަލުގައި ނެރޭ ގެލެކްސީ އެސް އަލްޓްރާ ފޯނުތަކުން އެސް-ޕެން ނައްތާލުމަށް ސެމްސަންގުން ނިންމާފައިވަނީ "އިތުރު ޖާގައެއް ހޯދުމަށް" ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ބަދަލު ގެނައުމުގައި އަވަސް ނުވާނެ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ އެސް26 އަލްޓްރާގައި އެސް-ޕެން ހިމެނޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި މަޢުލޫމާތުން ދޭހަވާ ގޮތުގައި، 2028 ވަނަ އަހަރު ނެރުމަށް ލަފާކުރެވޭ ގެލެކްސީ އެސް27 އަލްޓްރާއިން ފެށިގެން މި ބަދަލު ގެނެވިދާނެއެވެ. ނަމަވެސް، އެސް-ޕެން ފޯނުގެ ތެރެއަށް ހަރުކޮށްފައި ނުހުންނަ ނަމަވެސް، ފޯނާ އެކު ބޭނުންކުރެވޭނެތޯ އަދި ސާފެއް ނުވެއެވެ. މިފަދަ ބަދަލެއް ގެނެސްފި ނަމަ، އެސް-ޕެން ވަކި އެކްސެސަރީއެއްގެ ގޮތުގައި ވިއްކަން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
ގެލެކްސީ އެސް ސީރީޒްގެ އަލްޓްރާ މޮޑެލްތަކަކީ ސެމްސަންގުން އުފައްދާ އެންމެ ފުރިހަމަ ސްމާޓްފޯނުތަކެވެ. އަދި މި ފޯނުތަކުގައި އެސް-ޕެން ހިމެނުމަކީ އަހަރުތަކެއް ވަންދެން ކުރަމުން އައި ކަމެކެވެ. އެހެންކަމުން، މި ބަދަލު ގެނައުމުން ގެލެކްސީ އެސް ސީރީޒްގެ ޚާއްޞަ ސިފައެއް ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!