ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނޭހެން 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން މޯލްޑިވްސް ޓްރަންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ރަނގަޅަށް އުނގެނުމުގެ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމީ އިންފްރާސޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި މަސްރޫޢުތައް ހިންގުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ ސޮއި ކުރައްވާފައިވާއިރު، މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއުއެވެ.
މި އެއްބަސްވުމުގެ ދަށުން މިއަދު ވަނީ ހަތަރު ރަށެއްގައި ކްލާސް ރޫމާއި، މަލްޓި ޕާޕަސް ހޯލް އަޅަން ވަނީ ހަވާލުކޮށްފައެވެ. އެއީ ށ. ބިލެތްފަހި، އއ.މަތިވެރި، ކ.ގުޅި އަދި ގދ. ވާދޫ ގައެވެ.
މި އެއްބަސްވުމުުގެ ދަށުން ހދ. ނޮޅިވަރަމާއި، އެ އަތޮޅު ނައިވާދޫ އާއި ރ. އިންނަމާދޫ އަދި ތ. މަޑިފުށީ ސްކޫލްގައި މަލްޓި ޕާޕަސް ހޯލް އަޅަން ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުުރުން 7 ރަށެއްގައި ކްލާސްރޫމް އަޅަން ވަނީ ހަވާލުކޮށްފައެވެ. މި ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހދ. ނޭކުރަންދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، ތ. ގާދިފުށި ، ހއ. މާރަންދޫގެ އިތުރުން އަދި ލ. މާވަށް ހިމެނެއެވެ.
މި މަޝްރޫއުއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓާކައި ކުރިއަށްދާ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!