ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ހއ. އަތޮޅުގެ ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް މިއަދު ފަށައިފިއެވެ.

ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ހއ. އަތޮޅުގެ ޖުމްލަ 7 ރަށެއްގައި ފަށާފައެވެ. މި ހަތަރު ރަށުގެ އިތުރުން ދެން މި ޚިދުމަތް ފަށާފައި ވަނީ އުތީމު، މުރައިދޫ އަދި މާރަންދޫގައެވެ.

Ad
rt

ބީއެމްއެލުން މިއަދު ބުނިގޮތުގައި މި އޭޓީއެމްތައް މެދުވެރިކޮށް ހަފުތާގެ 7 ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެއެވެ.

މި އޭޓީއެމްތައް ބެހެއްޓުމުގެ އެއްބަސްވުންތަކުގައި މި ރަށްތަކުގެ ކައުންސިލްތަކާއިއެކު ބީއެމްއެލުން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ ޖެނުއަރީ މަހުގެ ފަހު ހަފުތާގައި ހއ. ގެ ރަށްތަކަށް ކުރެެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 190 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ޤާއިމުކުރުމަކީ މި ފެށި މަޝްރޫޢުގެ އަމާޒެކެވެ.

ރުފިޔާ އޭޓީއެމްގެ އިތުރުން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ޚިދުމަތް ވެސް އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކުޅުދުއްފުށި، އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ބަހައްޓާފައެވެ.