ޓެލެގްރާމް މެސެޖިންގ އެޕްގެ ބާނީ އަދި ސީއީއޯ، ރަޝިޔާއަށް އުފަން ޕަވެލް ދޫރޮވްއަށް ފްރާންސް ވަގުތީގޮތުން ފުރުމުގެ ހުއްދަ ލިބިއްޖެކަމަށް ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ކުށްތަކާ ގުޅިގެން ހިނގަމުންދާ ތަޙުޤީޤެއްގެ ދަށުން އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމެކެވެ.
ދޫރޮވް ހައްޔަރުކުރެވުނީ މިދިޔަ އޯގަސްޓް މަހު ޕެރިސް ކައިރީގައިވާ ވައިގެ ބަނދަރެއްގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފެށި، ފްރާންސް ދޫކޮށް ނުދިޔުމަށް އަމުރުކުރެވުނެވެ.
މި ތަޙުޤީޤާ ގުޅިގެން ޔުކްރެއިންގެ ހަނގުރާމައިގެ ތެރޭގައި ޕެރިސްއާއި މޮސްކޯގެ ގުޅުން އިތުރަށް ގޯސްވެ، އިންޓަނެޓް ޕްލެޓްފޯމްތަކުގައި ޤާނޫނު ތަންފީޒުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ސަރަޙައްދުތަކާ ބެހޭގޮތުން ބަހުސްތައް އިތުރުވެފައިވެއެވެ.
އޭއެފްޕީގެ ރިޕޯޓުގައި ނަން ހާމަނުކުރާ މަސްދަރުތަކަކަށް ހަވާލާދީ ބުނެފައިވާ ގޮތުގައި، ތަޙުޤީޤު ކުރާ ފަނޑިޔާރަކު ދޫރޮވްއަށް އެތައް ހަފުތާއަކަށް ފްރާންސް ދޫކޮށް ދިޔުމުގެ ހުއްދަ ދީފައިވާ ކަމަށާއި، ހޮނިހިރު ދުވަހުގެ ހެނދުނު އޭނާ ދުބާއީއަށް ފުރާފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.
ފްރާންސްގެ ޕްރޮސެކިއުޓަރުން މިދިޔަ އަހަރު ބުނެފައިވަނީ ދޫރޮވްއަކީ މަސްތުވާތަކެތި ވިއްކުމާއި ފައިސާ ދޮވުން ފަދަ އެތައް ޣައިރު ޤާނޫނީ ޙަރަކާތްތަކެއް ހިންގުމަށް މަގުފަހިކޮށްދޭ އޮންލައިން ޕްލެޓްފޯމެއް ހިންގުމުގައި ބައިވެރިވާ ކަމަށް ޝައްކުކުރެވޭ މީހެއް ކަމަށެވެ.
ދޫރޮވްގެ މައްޗަށް 5 މިލިއަން ޔޫރޯ (5.4 މިލިއަން ޑޮލަރު) ގެ ބެއިލް ފައިސާއެއްވެސް ދެއްކުމަށް އަމުރުކުރެވުނެވެ.
އޮފިޝަލުން ބުނާގޮތުގައި ފްރާންސްގައި ރަސްމީ ތަޙުޤީޤެއްގެ އޭނާގެ މައްޗަށް ހިންގުމަކީ ކޮންމެހެން ކުށްވެރިވުމެއް ނުވަތަ ޝަރީޢަތަކަށް ދިޔުމެއް ނޫނެވެ. ނަމަވެސް މިއީ ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުންނަށް އެކަށީގެންވާ ހެކި ލިބިފައިވާކަމުގެ ނިޝާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!