ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 19 ފެބްރުވަރީ 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްސާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. އޭނާ ހައްޔަރުކުރެވުނީ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނުމާ ގުޅިގެންނެވެ.
މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!