ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އައްޑޫ ސިޓީގެ ހިތަދޫގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި މިރޭ ޚިދުމަތް ފަށައިފިއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިއަދު، އައްޑޫ ސިޓީގެ ހިތަދޫ ގޮފީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ހުޅުވާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން، މިހާރުވެސް އެ ގޮފީގައި ދެ އޭޓީއެމް ހުންނަކަން ފާހަގަކޮށް ބޭންކުން ބުނީ، އޭގެ ތެރެއިން އެއް އޭޓީއެމްއަކީ ސެލްފް-ސަރވިސް ބޭންކިންގއަށް ޚާއްޞަކުރެވިފައިވާ އޭޓީއެމްއެމެއް ކަމަށެވެ. އަދި އަނެއް އޭޓީއެމްއަކީ ފައިސާ ނެގުމަށް ބޭނުންކުރެވޭ އޭޓީއެމެއް ކަމަށެވެ.

މިއީ ޤައުމީ ބޭންކުން މާލެއިން ބޭރުގައި ހުޅުވި ދެވަނަ ޑޮލަރު އޭޓީއެމެވެ. މީގެ ކުރިން ކ. މާފުށީގައި ވަނީ ޑޮލަރު އޭޓީއެމެއް ބަހައްޓައި ޚިދުމަތްދޭން ފަށާފައެވެ. މި އޭޓީއެމް ހުޅުވީ މިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހު 10 ވަނަ ދުވަހުއެވެ.

މާފުއްޓާއި، ހިތަދޫގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ އިތުރުން ދެން ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނީ، މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައެވެ.

އޭޓީއެމްގެ ޚިދުމަތަކީ ރާއްޖޭގެ ބޮޑެތި އާބާދީ ތަކުން އަދިވެސް އިންތިޒާރު ކުރަމުން އަންނަ ޚިދުމަތެކެވެ.

މުޅި ރާއްޖެގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ބޭންކިން ވިއުގާގައި، 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތް ހިމެނެއެވެ.