ރޯދައަށް ބޭނުންވާ މުދާގަތުމަށް އަތޮޅުގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުމަކީ ރޯދަމަސް ކައިރިވެގެން އަންނައިރު ވަރަށް އާންމުކަމެކެވެ. ނަމަވެސް މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރުގައި އެތައްސަތޭކަބަޔަކު، ވިޔަފާރިއަށް ރާއްޖެތެރޭ ރަށަކަށް ދިއުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން މިއަދު އެ ރަށުގައި ހާއްސަ "ރޯދަ ބާޒާރެއް" އިންތިޒާމް ކޮށްފައިވާއިރު އެ ބާޒާރަށް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ.

Ad
rt

މި ބާޒާރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތުދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ ރޯދަމަހަށް ހާއްސަކޮށްގެން އެރަށުގައި މީގެކުރިން ވެސް ބާޒާރުތައް ބާއްވާފައިވާ ކަމަށާއި ނަމަވެސް މިއީ ހާއްސަ އަހަރެއް ކަމަށެވެ. މި އަހަރުގެ ބާޒާރު ބާއްވަނީ އެހެން އަހަރުތަކަށްވުރެ ބޮޑަށް އިޝްތިހާރުކުރެވި ވިޔަފާރިވެރިންގެ ވެސް ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ތައްޔާރީތަކާއިއެކު ކަމަށެވެ.

އިހަވަންދޫ ރޯދަ ބާޒާރަށް ދިޔަ ބަޔަކު އެރަށަށް ފައިބަނީ، ފޮޓޯ: އިހަވަންދޫ.ކޮމް

މި ބާޒާރަކީ އިހަވަންދޫގެ ވިޔަފާރީގެ އައު ބޮޅަކަށް ހެދުމަށް ވިޔަފާރިވެރިންނާއި ހެޔޮއެދޭފަރާތްތަކާއި ގުޅިގެން ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިއަދު އެ ރަށަށް ޒިޔާރަތްކުރި ހުރިހާ ފަރާތްތަކަށް މަރުހަބާކިޔައި ވަނީ ހަދިޔާ ދީފައެވެ. މީގެއިތުރުން އެ ރަށަށް ޒިޔާރަތްކުރި ފަރާތްތަކަށް ފާހަނާކުރުވޭނެ އިންތިޒާމްގެ އިތުރުން އަންހެން ކަނބަލުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މެހެމާނުން މަޑުކޮށްލުމަށާއި ފާހަނާކުރުމަށް އަދި ކަނބަލުން ނަމާދުކުރުމަށް އިހަވަންދޫ ރައްވެހި ހިޔާ، ޒުވާނުންގެ މަރުކަޒު، ފިނިހިޔާ އަދި ފެރީ ޓާމިނަލްވަނީ ހަމަޖައްސާފައެވެ.

ސޮބާހް ބުނީ އެންމެ ގިނަ މީހުން އައިސްފައިވަނީ ކުޅުދުއްފުށިން ކަމަށާއި، އެ ރަށުން ބާދުސާހް ބޯޓާއި ސީކްއީންގައި 600 އަށްވުރެ ގިނަ މީހުން އައިސްފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ އެހެން ރަށްރަށުންވެސް ގިނަބަޔަކު އައިސްފައިވާކަން ފާހަގަކުރަމުން ސޮބާހް ބުނީ ރޯދަ ބާޒާރުން ވިޔަފާރި ކުރުމަށް މިއަދު ރަށުން ބޭރުން ޖުމްލަ ހާހަކަށްވުރެ ގިނަ މީހުން އެ ރަށަށް އަރާފައިވާ ކަމަށެވެ.

އިހަވަންދޫ ރޯދަ ބާޒާރަށް ކުޅުދުއްފުށިން އައި ބަޔަކު ބާދުސާހް ބޯޓު ކައިރީ، ފޮޓޯ: އިހަވަންދޫ.ކޮމް

ސޮބާހް އިތުރަށް ބުނީ އިހަވަންދޫއަކީ މުދާ އަގުހެޔޮކަމަށް އަބަދުވެސް މަޝްހޫރު ރަށަކަށްވާއިރު، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގެ ކުރިއަށް އޮންނަ ދެތިން ހަފްތާގައި، ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން އަތޮޅުތެރޭގެ ރަށްތަކުން އެ ރަށަށް ވިޔަފާރިއަށް އަންނަ ކަމަށެވެ. އަދި ހަފްތާ ބަންދުގައި އެ އަދަދު އެއައްވުރެ ވެސް އިތުރުވެގެންދާ ކަމަށެވެ.

ރޯދަމަހާއި ކައިރިކޮށްފައި އަދި މިފަދަ އިތުރު ބާޒާރެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރަމުން ސޮބާހް ބުނީ އެ ރަށުގެ ވިޔަފާރިވެރިން މުދާ ގެންނަނީ ރާއްޖެއިން ބޭރުން ބަލްކްކޮށް ކަމަށް ވުމުން، އެ ރަށުން ހަމަ ހުރިހާ ސާމާނެއް ހެން ވަރަށް އަގުހެޔޮކޮށް ގަންނަން ލިބޭނެ ކަމަށެވެ. އަދި ރޯދައަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށެވެ.

ރޯދަ ބާޒާރަށް މީހުން ގޮވައިގެން ކުޅުދުއްފުށީ ސީ ކްއީން ބޯޓު އިހަވަންދޫ ފަޅުގައި، ފޮޓޯ: އިހަވަންދޫ.ކޮމް

ކުރިއަށް އޮތް އަހަރުތަކުގައި ރޯދަ ބާޒާރު އިތުރަށް ފުޅާކޮށް ފުރިހަމަކަމާއިއެކު ގެންދިޔުމަށް ޕްލޭން ކުރަމުން އަންނަކަން ފާހަގަކުރަމުން ސޮބާހް ބުނީ އިރާދަކުރެއްވިޔައް ދެން އަންނަ އަހަރު މި ބާޒާރު ބާއްވާނީ އެއް ސަރަހައްދެއްގައި އެކަމަށް ހާއްސަ ކުރެވިފައިވާ ތަނެއްގައި ކަމަށާއި އޭރުން ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެކި ސަރަހައްދުތަކުގައި ހިނގަން ނުޖެހި ވަރަށް ފަސޭހައިން ވިޔަފާރީގެ ކަންކަން ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އިހަވަންދޫ ރޯދަ ބާޒާރު، ފޮޓޯ: އިހަވަންދޫ.ކޮމް

ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނާއި ކަރަންޓް ސާމާނުގެ އިތުރުން ގޭތެރެއަށް ބޭނުންވާ ހުރިހާ މުދަލެއް އަގުހެޔޮކޮށް އެ ރަށުގައި ލިބެންހުރިއިރު، ރޯދަމަސް ފެށެންދެން ވެސް ހަމަ ކޮންމެ ދުވަހަކީ އެ ރަށަށް މިހާރު މިވަނީ ވިޔަފާރީގެ ދުވަހަކަށްވެފައެވެ.

ސޮބާހް ފާހަގަކުރި ގޮތުގައި އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެއް ލިބިގެންދަނީ އެ ރަށަށް ޒިޔާރަތްކުރި ފަރާތްތަކަށް އިހަވަންދޫއިން ކީމަރުހަބާއާއި ހަމަޖައްސައިދިން އިންތިޒާމްތަކުގެ ސަބަބުން އެ ފަރާތްތަކަށް ފަސޭހަކަމާއި ހިތްހަމަޖެހުން ލިބުމެވެ. އަދި އެ ފަރާތްތަކުގެ އުފާވެރި ޝުއޫރެވެ.