ރ. މީދޫގައި ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައެވެ. އެ ވަގުތު އޮފް ޑިއުޓީގައި ހުރި ފުލުހެއް، އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުޑަ ކުދިންތަކެއްގެ ތެރެއިން ކުއްޖަކަށް އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ކުރުމަށް ދެކޮޅުހެދިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭގެ ފަހުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެކުއްޖާގެ ގާތުގައި އެދުމުން ހަމަނުޖެހުން ހިނގައި ފުލުސް އޮފިސަރަށް ހަމަލާ ދީފައިވާކަމަށެވެ.

ކުއްޖާގެ ޢާއިލާއިން، ފުލުސް އޮފިސަރު ކުއްޖާއަށް އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ހަދަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.