ހދ.ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަކީ އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނޭ ނިންމުމެއް ކަމުގައި އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

Ad
rt

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަދު ހދ.އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާން ކުރުމަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ނިންމުމަކީ ހިރިމަރަދޫއަށާއި ޖުމްލަ ގޮތެއްގައި އަތޮޅު ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އަސާސީ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދޭނެ ނިންމުމެއް ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުން، ތައުލީމާއި ސިއްހީ ހިދުމަތުގެ އިތުރުން އެހެނިހެން އަސާސީ ހިދުމަތްތައް ފަސޭހަކަމާއިއެކު ލިބިގަތުމަށް ފުރުސަތު އިތުރުވެގެންދާނެކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މަގުފަހިވާނޭ ނިންމުމެއް ކަމަށާއި ސަރުކާރުގެ މި ނިންމުމަކީ ކުދި ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ނިންމުންތައް ނިންމުމަށް ލިބުނު ބޮޑު ހިތްވަރަކަށްވާނެ ކަމަށެވެ.

ސަރުކާރުން ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި އެއްވެސް ސިފައެއްގައި މަޝްވަރާ ނުކޮށްކަމުގައި އިއްޔެ އެ ކައުންސިލުން ވަނީ ބުނެފައެވެ.