މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހއ. ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ހޯރަފުށީ ރައްޔިތުންނާއި ބައްދަލުވާއިރުގައި، އެ ރަށުގެ ތަރައްޤީގެ މަސައްކަތުގައި ޢަމަލީގޮތުން ގިނަގުނަ ކުރިއެރުންތަކެއް ހޯދައިދިނުމަކީ، އެ މަނިކުފާނުގެ ޢަޒުމް ކަމަށެވެ. އަދި ކަންތައްތައް ކުރަށްވާގޮތަކީ، ކަންތައް ކުރައްވަން ނިންމާފައިވާ ގޮތަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
''އިރާދަކުރެއްވިއްޔާ މި ފެށިގެން މިދާ އަހަރުގެ ތެރޭގައި، މި 2025 ވަނަ އަހަރުގެ ތެރޭގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވެފައިވާ ވަޢުދުތަކުގެ ގިނަ ކަންތައްތަކަކީ، ޢަމަލީގޮތުން ފެށިގެންދާނެ އަދި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ އަހަރެއް ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގައި ވަރަށް ސަމާލުކަން ދެއްވާކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކަކީ، ރައްޔިތުންގެ އުންމީދުތަކުގައި ކޮންމެހެންވެސް ކުލަ ޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމުގައި ގަބޫލުކުރަށްވައިގެން ވެވަޑައިގެންނެވި ވަޢުދުތަކެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އެހެންވީމާ، ސަރުކާރުގެ މަސައްކަތްތައް އަޅުގަނޑު ތަރުތީބުކޮށްފައި ވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެކަންކަން އެންމެ ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތަކަށް ރާވައިގެން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަންވެސް، މި ދެންނެވި ބީދައިން ކުރިއަށްދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!