އިރުވާ މޫސުންފެށި އިރުދަށަށް ވައި ބަދަލުވެ ހަޅަޖަހައި ވައިގަދަވުމާއިއެކު ރަށަށް ފުޅަނގި އެރުމަކީ ބ.ގޮއިދޫއަށް އައު ކަމެއް ނޫނެވެ. ކޮންމެ އަހަރަކުހެން މި ދުވަސްވަރަށް އެ ރަށަށް ފުޅަނގި އަރައެވެ.
ފުޅަނގި އަރާ ދުވަސްވަރާއި ދިމާކޮށް ރަށުގެ ފުއްޓަރަށްދާން އޮންނަ މަގުތައް އަލިކޮށް އެ ސަރަހައްދުގައި އިއްތާލައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި އެކަމަށް ތައްޔާރީތަކެއް ވަނީ އެ ރަށު މީހުން ހިތުގައި ފުޅަނގި ހޮވުމަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.
މި އަހަރު ވެސް ފުޅަނގި މޫސުމަށް ގޮއިދޫއިން ތައްޔާރީތައް ވިއެވެ. އެއްވެސް ހާލެއްގައި އާދަޔާ ތަފާތު އަހަރަކަށް ވާނެކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ. ނަމަވެސް މި އަހަރަކީ އެ ރަށަށް ފުޅަނގި އެރުމުގައި އާދަޔާ ހިލާފް އަހަރެކެވެ.
ގޮއިދޫއަށް އެރި ފުޅަނގިތަކެއް
ފުޅަނގި މޫސުމާއި ގުޅޭގޮތުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަދުމަދުން ފުޅަނގި އަރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، ނަމަވެސް މި ހަފްތާގެ ހޮނިހިރާއި އާދީއްތަ އަދި އަންގާރަ ދުވަހަކީ އެ ރަށަށް އާދަޔާ ހިލާފަށް ފުޅަނގި އެރި ދުވަސްތަކެއް ކަމަށެވެ.
އޭނާ އިތުރަށް ބުނީ ފުޅަނގި ގިނައިން އަރާ ދުވަސްތަކުގައި ރަށުގެ ހުރިހާ އުމުރުފުރާގެ މީހުން ހިމެނޭހެން ވަރަށް ގިނަބަޔަކު ފުޅަނގި ހޮވުމަށް ފުއްޓަރު ފަރާތަށް ނުކުމެ އުޅޭ ކަމަށެވެ.
ގޮއިދޫއަށް އަރާ ފުޅަނގި ހޮވަން މީހުން ގޮނޑުދޮށުގައި
ފުޅަނގިތައް އުދުހިފައި އައިސް ރަށަށް އަރާ މަންޒަރާއި އެ ހޮވަން ކުދިބޮޑު އެންމެން ނުކުމެ، އާދަޔާ ހިލާފް ޝައުގުވެރިކަމަކާއިއެކު ހަރަކާތްތެރިވާ މަންޒަރަކީ އެ ރަށަށް އީދެއް އައިސްގެން އުޅުންފަދަ ކެމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
"އެއީ އެހާވެސް އުފާވެރި މާހައުލެއް، ހަގީގަތަށް ބުނަންޏާ ފުޅަނގި ހޮވުމަކީ ރަށަށް އީދެއް އައިސްގެން އުޅުންފަދަކަމެއް"
އޭނާ ބުންޏެވެ.
ގޮއިދޫއަށް އަރާ ފުޅަނގި ހޮވަން މީހުން ގޮނޑުދޮށުގައި
ފުޅަނގި އަރާ ދުވަސްވަރަކީ ރަށުގެ ފުއްޓަރުފަރާތުގެ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ރަނގަޅުވެގެން އަންނަ ދުވަސްތަކެކެވެ. ވުމާއިއެކު ކަންނެލިބާނާ ޑިންގީތައް ނުކުމެ ރަށުގެ ފުއްޓަރު ފަރާތުގައި ހަރަކާތްތެރިވާއިރު، ފުއްޓަރުފަރާތަށް އެރި ދޮށި އެއްލައިގެން ވެސް ތަފާތު ވައްތަރުގެ ފަރުމަސް ބާނައެވެ.
ގޮއިދޫ އަށް އެރި ފުޅަނގިތަކެއް
ފުޅަނގި އަރާ ދުވަސްތަކުގައި އެ ރަށުގެ ގިނަ ގެތަކުގައި ކެއުމަށް މި މަސް ބޭނުން ކުރެއެވެ. ތެލުލައިގެންނާއި ފިހެގެންނާއި ކުޅިކޮށް ހަދައިގެންނެވެ. ފުޅަނގި ގިނައިން ހޮވާ ފަރާތްތަކުން އޭގައި ރިހާކުރު ކައްކާވެސް ހަދައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!