ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަޟްހާ އީދުގެ ކުރިން (6 ޖޫން 2025) ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ކައުންސިލުން ބުނެފިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ބުނީ އެ ރަށުގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި، އަންނަ އަޟްހާ އީދުގެ ކުރިން މިސްކިތް އެއްކޮށް ނިންމައި ބޭނުން ކުރަން ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކޮށް އޭނާ ބުނީ އީދަށް މިސްކިތް ނިންމައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމުގެ ބޮޑު އުންމީދެއް އޮތް ކަމަށެވެ.

ދިއްދޫގައި އިމާރާތް ކުރަމުން އަންނަ އިސްލާމީ މަރުކަޒު، ފޮޓޯ: އިސްލާމިކް މިނިސްޓްރީގެ ޓްވީޓާ

ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ.

މި މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.