ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ.
އެ މަހަށް ދީފައިވާ ދިވެހި ނަމަކީ ''ރަކި ބުރެކި'' އެވެ.
މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ. އަދި އެއީ 100 މީޓަރާއި 125 މީޓަރު ދެމެދު ފުނުން ކަމަށް ވެސް ބުނެފަވެއެވެ.
މެރީން ޖާނަލް ޖާނަލް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މި މަސް ފެނުނު ފުންމިނަކީ ތަފާތު ދިރުންތައް އުޅޭ ހިސާބެއްކަން މި ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. މި ކަމަށް ކުރެވުނު ދިރާސާއަކީ ބޭރުގެ ސައިންސިސްޓުންނާއި ރާއްޖޭގެ މެރީން ރިސާޗު ސެންޓަރު ގުޅިގެން ކުރެވުނު ދިރާސާއެއްކަމަށް ވެސް އެތަނުން ބުންޏެވެ.
މި މަހަށް "ރަކި ބުރެކި" ކިޔުނީ މި މަހަކީ ޑައިވަރުން ފެންނައިރަށް ވަރަށް އަވަހަށް ފިލާ މަހަކަމަށް ވާތީކަމަށް ދިރާސާކުރި ސައިންސްވެރިންނާއި ހަވާލާދީ މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނެފަވެއެވެ. އެ މަސް އަވަހަށް ފިލަނީ މަހުގެ ރަކި ކަމުންކަމަށް ބަލައި، އެކަމާއި ގުޅުވައިގެން ސައިންވެރިން މި ނަން މި މަހަށް ދިނީއެވެ.
މި ކަނޑުފަޅުގެ ދިރާސާގެ ތެރެއިން އަރި އަތޮޅު އުތުރު ބުރިން ފެށިގެން ނިލަންދެއަތޮޅު ދެކުނު ބުރީގެ ސަރަހައްދުތަކުގައި ހިމެނޭ ފަރުތަކުން ރަކި ބުރެކި ފެނިފައި ވެއެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މިއީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހެކެވެ.
ރަކި ބުރެކި, ދެ އިންޗި ނުވަތަ ތިން އިންޗިއަށް ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ބުރެކި އާއިލާގެ ތަފާތު ވައްތަރުތައް ރާއްޖެއިން އާންމުކޮށް ފެނެ އެވެ. ބުރެކި އާއިލާގެ މަސްތަކަކީ އެމުގެ ގޮތުގައި ވެސް ބޭނުންކުރާ ކުލަތައް ރީތި ބާވަތެކެވެ.
ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް މިދިޔަ ޑިސެމްބަރު މަހުވެސް ރާއްޖެއިން ފެނުނެވެ. 8 ސަރަހައްދަކުން މި މަސް ރެކޯޑް ކުރެވިފައިވާއިރު، ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީ ސަރަހައްދުތައް ހިމެނޭހެން 180 ކިލޯމީޓަރު ރާސްތާއަކުން މި މަސް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!