މި މަހުގެ ތިންވަނަ ދުވަހު ކުޅުދުއްފުށި މަށިކުޅިން ފެނުނު ފަސް ފްލެމިންގޯ، އެތަނުގައި ތިން ދުވަސް ހޭދަކުރުމަށް ފަހު ށ. ފުނަދުއަށް ގޮސްފިއެވެ.
ފުނަދޫ ދަށްފަޅުން އެ ފަސް ފްލެމިންގޯ ފެންނަން ފަށާފައި ވަނީ އިއްޔެއެވެ. ފުނަދޫ ދަށް ފަޅުގައި ފްލެމިންގޯތައް ތިބިތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެންނަނީ ފަސް ޕްލެމިންގޯއެވެ.
މި ދޫނި މި އަހަރު ފުރަތަމަ ފެނިފައި މިވަނީ ކުޅުދުއްފުށި ކުޅިންނެވެ. އެ ކުޅިއަށް މިއަދު ވަނީ 5 ފްލެމިންގޯ ޒިޔާރަތްކޮށްފައެވެ. މި ދޫނިތަކާއިއެކު ކުޅީގެ ހިތްގައިމުކަން ވަނީ އިތުރުވެފައެވެ. ގިނަބަޔަކު މިއަދު ވެސް ވަނީ ކުޅި ކައިރިއަށް ޖަމާވެ މި ދޫނިތައް ފޮޓޯނަގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުންނެވެ.
ފާއިތުވި ދެ އަހަރު މި ދޫނިތަކުގެ ހަރަކާތް ހުރިގޮތަށް ބަލައިލާއިރު، ހަފުތާއެއްހާ ދުވަހު އެއް ތަނެއްގައި ތިބެފައި އެހެން މަންޒިލަކަށް ދަތުރު ކުރާކަން ފާހަގަ ކުރެވެއެވެ. މި އަހަރުވެސް މި ދޫނިތަކުގެ ހަރަކާތްތައް މި ހުރީ ހަމަ މިފަދަ ގޮތަކަށެވެ.
މާކަނާ އާއިލާ އަށް ނިސްބަތްވާ މި ދޫނި އާންމުކޮށް ވެސް ފެންނަނީ ރާއްޖޭގެ އުތުރުގެ ރަށްތަކުންނެވެ. އާންމުކޮށް ފެންނަނީ ވެސް ފަސް ދޫންޏާއި ހަތް ދޫންޏާއި ދެމެދުގެ އަދަދުތަކަކަށެވެ. މި ދޫނި ފާއިތުވި ތިން އަހަރު ވެސް މި ދުވަސްވަރު ރާއްޖެއިން ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!