ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ ނާއިޝްއެވެ.

Ad
rt

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައި ވަނީ 22 ސްޕޯޓްސް ކްލަބްގެ މުހައްމަދު ރައްޔާންއެވެ. މޯސްޓް ޕްރޮމައިޒިން ޕްލޭޔާއަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ އަލީ ސަމިރްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

  • އިސްމާއިލް އައިޝް ޝަރީފް / 22 ސްޕޯޓްސް ކްލަބް (ގޯލްކީޕަރ)
  • އަލީ ސަމިރް / 22 ސްޕޯޓްސް ކްލަބް
  • މުހައްމަދު ލައްޔާން / އެންވީކޭ
  • މުހައްމަދު ރައްޔާން / 22 ސްޕޯޓްސް ކްލަބް
  • އަހްމަދު ރައީ އަލީ / އެންވީކޭ
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އެންވީކޭގެ ކޯޗް، އިބްރާހީމް ހާމިދު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދި ޓޯނަމަންޓް) އަށް ހޮވިފައި ވަނީ 22 ސްޕޯޓްސް ކްލަބްގެ މުހައްމަދު ރައްޔާން އެވެ. މުބާރާތު ތިންވަނަ ޓީމަކީ މޮޅަދޫ ޔަންގް ބްލަޑްއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.

މިއީ 21 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑާމީތަކާއި އަމިއްލަ އިސްނެގުމުގެ މަތީން ކުޅުންތެރިން އަދި ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.