ހއ.ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށް ބާއްވާ "ބާރަލާ ކަޕް 2024" ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ.

މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ބްލެކް ޒީނޯ، ރިއަލް ޓީ ސްޕޯޓްސް ކްލަބް، ދި ސްޕޯޓްސް އެކަޑަމީގެ އިތުރުން މިޑްލް ސްޕޯޓްސް ކްލަބެވެ.

Ad
rt

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މިޑްލް ސްޕޯޓްސް ކްލަބާއި ރިއަލް ޓީ ސްޕޯޓްސް ކަލްބެވެ. މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ދި ސްޕޯޓްސް އެކަޑަމީއާއި ބްލެކް ޒީނޯއެވެ.

މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ހަތަރު ޓީމްގެ މެދުގައި ގްރޫޕް ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ދެވަނަ އަދި ތިންވަނަ ޓީމްގެ މެދުގައި ސެމީ މެޗެއް ކުޅުމަށް ފަހު އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލު ކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ރާއްޖޭގައި ހެދިފައިވާ އާންމު ގަވައިދުތަކަށް ތަބާވެ ހއ ދިއްދޫއާއި ހއ އަތޮޅާއި ރާއްޖޭގައި ކުޅިވަރު ދިރުވާއާލާކޮށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރުމާއި ކުޅިވަރު ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދީ އެފަދަ ހަރަކާތްތައް ރާވާ ހިންގުމެވެ. ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ފަންނުވެރިން އުފައްދައި ކުޅިވަރުތައް ދިރުވާ އާލާކުރާ ފާރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ ދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.